މި ސަރުކާރުން ގުޅިފަޅުން ދޭ ގޯތިތައް ހަދައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާއިރު އޭނާ ހައުސިން މިނިސްޓަރުކަން ކުރެއްވި ސަރުކާރުން އޮތީ އެމްޑީޕީގެ ކުރީގެ ސަރުކާރުން ދިން ގޯތިތަކާއި ފްލެޓްތައް ވެސް އަތުލާފައި ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މުއިއްޒަށް މިއަދު ހޫނު ރައްދެއް ދެއްވައިފި އެވެ.
އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ބ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، ރާއްޖޭގެ އެންމެ މީހުން މަދު ރަށްރަށުގެ ތެރޭގައި ހިމެނޭ ފެހެންދޫ ބަނދަރުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ މުއިއްޒުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވެފަ އެވެ. ރައީސް ވަނީ މުއިއްޒަކީ އެންމެ ގިނަ ދުވަހު ހައުސިން މިނިސްޓަރުކަން ކުރެއްވި ވަޒީރުކަން ފާހަގަކުރައްވައި ރަށްރަށުގައި އަސާސީ ހިދުމަތްތައް ފައްޓަވައިދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވާއިރު ހައުސިން މިނިސްޓަރުކަމުގައި ހަތް އަހަރު ހުންނަވައިގެން ކުރެއްވީ ކީއްތޯ ސުވާލުކުރައްވައިފަ އެވެ.
ރައީސް ވިދާޅުވީ، އިންތިހާބުގައި ދެން ވާދަކުރައްވާ ބޭފުޅުންގެ މާ ބޮޑު ވިސްނުންތަކެއް ނެތް ކަމަށެވެ.
އެ ބޭފުޅުން ބޭނުންވަނީ އަމިއްލަ ފައިދާ ނެރެ، އިންތިހާބުގައި ކުރި ހޯއްދަވާ ބޭފުޅަކާ އެކު ކޯލިޝަން ހަދައި ސަރުކާރުގެ ތެރެއިން ވަޒީފާ ހޯދުން ކަމަށް ވެސް ވިދާޅުވި އެވެ.
"ބަލަ މިއޮއްހާ ދުވަހު ކީއްތޯ ކުރެއްވީ؟ ރާއްޖޭގެ ޕްލޭނިން މިނިސްޓަރުކަމުގައި އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅާ އެއީ...ނުކުމެ ވަޑައިގެން މި ވިދާޅުވަނީ ރަށްރަށުގެ އަސާސީ ހިދުމަތްތައް ތިމަންނަގެ ކުރިއަށް އޮތް ދައުރުގައި ފުރިހަމަކޮށްދޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ކެންޑިޑޭޓް ވިދާޅުވީ އެ ބޭފުޅުން ކުޑަކޮށް ވެސް ވިސްނަންޖެހޭނީ ޕީއެންސީއަށް ކަމަށެވެ. މި ސަރުކާރުން ކޮށްދީފައިވާ ކަންކަން، އެ ޕާޓީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކޮށްދެއްވާނެ ކަމަށް އިއުލާނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ކަމަކީ، ސްކޫލު ބޮޑު ޗުއްޓީ ބަދަލުކުރުމެވެ.
ރައީސް ވިދާޅުވި ގޮތުގައި، ސްކޫލުގެ ބޮޑު ޗުއްޓީ އަހަރުގެ މެދު ތެރެއަށް ބަދަލުކުރީ ގިނަ ބައެއްގެ މަޝްވަރާއާ އެކު ކަމަށެވެ. އެކަމަކު، ކުރީގައި އޮތް ގޮތަށް ޑިސެމްބަރު މަހަށް އެ ޗުއްޓީ ބަދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވެ، އެ ވިސްނުން ބަދަލުކުރެއްވިކަން ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން، އޭނާގެ ވެރިކަމުގައި ރަށްރަށުގެ އަސާސީ ހިދުމަތްތައް ބަރާބަރަށް ފުރިހަމަކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވުމުން، އެކަމަށް ވެސް ރައީސް ވަނީ ފާޑުވިދާޅުވެފަ އެވެ.
"ބަލަ މިއޮއްހާ ދުވަހު ކީއްތޯ ކުރެއްވީ؟ ރާއްޖޭގެ ޕްލޭނިން މިނިސްޓަރުކަމުގައި އެންމެ ގިނަ ދުވަހު ހުންނެވި ބޭފުޅާ އެއީ...ނުކުމެ ވަޑައިގެން މި ވިދާޅުވަނީ ރަށްރަށުގެ އަސާސީ ހިދުމަތްތައް ތިމަންނަގެ ކުރިއަށް އޮތް ދައުރުގައި ފުރިހަމަކޮށްދޭނެ ކަމަށް. ބަލަ ނުފެނޭތޯ މި ރަށުގައި ފެނާއި ނަރުދަމާ އެޅި ތަނެއް؟ ކަރަންޓު ހިދުމަތް ނުލިބިގެން ޓީވީތަކާއި އައިސްއަލަމާރިތަކާއި އެއާކޮންޑިޝަންތައް ފުނޑުފުނޑުވެގެން ދިޔަތަން؟" ރައީސް ސުވާލުކުރެއްވި އެވެ.
މި ސަރުކާރުން ގުޅިފަޅުން ދިން ގޯތިތައް ހަދައިދޭނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވިއިރު، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެ ތަނުން ދިން ގޯތިތައް ޕީޕީއެމްގެ ސަރުކާރުން އަތުލާފައި ވާތީ ވެސް ރައީސް ފާޑުވިދާޅުވި އެވެ.
"ކީއްތޯ ކުރެއްވީ ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން، އެ ތަނުން ކުރީ ސަރުކާރުން ދީފައި ހުރި ގޯތިތައް ނެގީ. ބަދަލެއް ވެސް ދިނީކީ ނޫން. އޭރު އަޅުގަނޑުމެން އެމްޑީޕީ ސަރުކާރުގައި އެތަން ހިއްކީ ބަޔަކަށް ކޮންޓްރެކްޓް ހަދައިގެން. އެ މީހުންނަށް ދެން އޮތް ލާރި ވެސް ނުދޭ. އޭރު ދޫކޮށްފައި ހުރި ފްލެޓުތައް ވެސް އަނބުރާ ނެގީ."
"އަޅުގަނޑުމެންނަށް ޖެހުނީ އެ މީހުންނަށް ބަދަލު ދޭން. މިއަދު އެ ވިދާޅުވަނީ އަނެއްކާ ވެސް ތިމަންނަ އެ ތަނުގައި ގެ އަޅައިދޭނަމޭ. ކިހިނެއްތޯ ގަބޫލުކުރާނީ؟."
މުއިއްޒު ވަނީ އޭނާގެ ހައުސިން މެނިފެސްޓޯ ރޭ ލޯންޗުކުރައްވައިފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި އޭގައި "އެއްގޮތަކަށް ވެސް ތާކުންތާކު" ޖެހޭ އެއްޗެއް ނެތެވެ.
"ގަބޫލު ނުކުރައްވައްޗޭ، ގަބޫލު ނުކުރައްވައްޗޭ ދެން ހުރި ޕާޓީތަކުގެ ވާހަކަތައް އަޅުގަނޑު މި ދެންނެވީ. އެހެންވީމާ، ކުރިއަށް އޮތް ދައުރުގެ ތެރޭގައި، ކުރިއަށް އޮތް ފަސް އަހަރުގެ ދައުރުގެ ތެރޭގައި ވެސް ރައްޔިތުންނަށް ހެޔޮ ހިތުން ކަމެއް ކޮށްދޭނެ ޕާޓީއަކީ ގުޅިފައިވާ މި ކޯލިޝަނުން،" ރައީސް ވިދާޅުވި އެވެ.
އެ މެނިފެސްޓޯގައި، ގެދޮރު އެޅުމަށް ހައުސިން ބޭންކު ފެށުމަށް ހިމަނާފައިވެ އެވެ. ރައީސް ވިދާޅުވީ އެ ޕާޓީން އެކަން އިއުލާނުކޮށްފައިވާ ކަމަށެވެ.