ސޯޝަލް މީޑިއާގައި ފޮލޯކުރާ އެންމެ ނުވަ މީހަކަށް ފޮނުވި މެސެޖަކާ ހުރެ ސައޫދީ އަރަބިޔާގެ ރިޓަޔާކޮށްފައިވާ ޓީޗަރަކަށް މަރުގެ ހުކުމް އިއްވައިފި އެވެ.

އުމުރުން 54 އަހަރުގެ މުހައްމަދު އަލް ޣަމަދީގެ މެސެޖްގައި ފާޑުކިޔައިފައި ވަނީ އެ ގައުމުގެ ޝާހީ އާއިލާގެ މެންބަރުންނަށެވެ.

ހިއުމަން ރައިޓްސް ވޮޗުން ބުނި ގޮތުގައި މިދިޔަ ޖުލައި 10 ވަނަ ދުވަހު މުހައްމަދަށް ހުކުމް ކޮށްފައި ވަނީ ޔޫޓިއުބާއި އެކްސް (ކުރީގެ ޓުވިޓާ) މެދުވެރިކޮށް ހިންގައިފައިވާ ތަފާތު ކުށްތަކަކަށެވެ. މިއީ އެގައުމުގައި ސޯޝަލް މީޑިއާ ބޭނުން ކޮށްގެން ހިންގި ކުށަކަށް މަރުގެ ހުކުމް ކުރެވުނު ފުރަތަމަ ފަހަރެވެ.

މުހައްމަދުގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި ސައޫދީ ރަސްގެފާނާއި ކްރައުން ޕްރިންސަށް ނިސްބަތްކޮށް ދީނީ ގޮތުން ހުއްދަ ނުވާ ފަދަ ފާޑުކިއުންތައް ކިއުމާއި، ޓެރަރިޒަމަށް ހިތްވަރު ދިނުންފަދަ ކުށްތައް ހިމެނެ އެވެ.

ލަންޑަނުގައި ދިރިއުޅެމުންގެންދާ މުހައްމަދުގެ ބޭބެ ސައީދު އަލް ޣަމްދީ އެކްސްގައި އާންމު ކުރި މެސެޖެއްގައިވާ ގޮތުން މުހައްމަދުގެ ހުކުމަކީ އޭނާ ސައޫދީއަށް ގެންދަން އުޅުނު އުޅުން ނާކާމިޔާބުވުމުން ބަދަލެއްގެ ގޮތުގައި ކުރި ކަމަކަށް ވެދާނެ އެވެ. ދީނީ އިލްމުވެރިއެއް ކަމުގައިވާ ސައީދަކީ ސައޫދީ ސަރުކާރުން ގައުމަށް ގެންދަން ބޭނުންވެ ނުގެންދެވިފައިވާ މީހެކެވެ.

"އަހަރެންގެ ބޭބެއަށް އެހީއެއް ވެވޭނެ އެއްވެސް މީހަކު ހުރި ނަމަ، މި ބޭއިންސާފު ހުކުމާ ދެކޮޅަށް އެހީތެރިވުމަށް އެދެން،" ސައީދު އެކްސްގައި ލިޔުނެވެ.

ސައޫދީ އަރަބިޔާއަކީ ދުނިޔޭގައި މަރުގެ އަދަބު އެންމެ ގިނައިން ދޭ އެއް ގައުމެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ހާމަކޮށްފައިވާ ގޮތުގައި 2022 ވަނަ އަހަރު އެގައުމުގައި 196 މީހުނަށް މަރުގެ އަދަބުދީފައިވެ އެވެ.