ލަންޑަން (20 ޖެނުއަރީ) - ކޮވިޑަށް އިންފެކްޓްވެފައި ވަނިކޮށް، މާސްކް ނާޅައި ވާހަކަ ދެއްކުމަކީ ކެއްސުމާ އެއްވަރަށް ނުރައްކާތެރިކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ކެމްބްރިޖް ޔުނިވާސިޓީގެ ޕްރޮފެސަރު ޕެޑްރޯ މެގަލްހޭސް ވިދާޅުވި ގޮތުގައި ކޮވިޑް ވައިރަސް ވަރަށް ގިނަ ގޮތްގޮތަށް ފެތުރެ އެވެ. ނަމަވެސް ރިސާޗުން އެނގުނު ގޮތުގައި އެކަކު ގައިން އަނެކުންގެ ގަޔަށް ވައިރަސް ފެތުރުމަށް އެންމެ އާންމު ގޮތަކީ އިންފެކްޓް ވެފައިހުރި މީހަކު ނޭވާލުމާއި، ވާހަކަ ދެއްކުން އަދި ކެއްސުމުން ވައިގެ ތެރޭގައި ފެތުރޭ ލޮލަށް ނުފެންނަ ވަރުގެ ކުދިކުދި ފެންތިކިތަކުގެ ޒަރީއާއިންނެވެ.

ދިރާސާއިން އެނގުނު ގޮތުގައި ރަނގަޅަށް ވައިދައުރު ނުވާ ތަންތަނުގައި ވައިރަސް ބޮޑަށް ފެތުރޭލެއް ރަނގަޅަށް ވައިދައުރުވާ ތަންތަނުގައި ފެތުރޭ ވަރަށްވުރެ ބޮޑެވެ. މިކަމުގެ ސަބަބަކީ ކެއްސުމުން ނުވަތަ ވާހަކަ ދެއްކުން އުފެދޭ ބޮޑެތި ފެންތިކި އެހާ ދުރަކަށް ދަތުރު ނުކުރެވޭތީވެ އެވެ. ނަމަވެސް ކުދިކުދި ފެންތިކި ދެ މީޓަރަށްވުރެ ދުރަށް ދަތުރުކުރެ އެވެ. އެހެންކަމުން ވައިރަސް މިފަދަ ގޮތަކަށް ފެތުރެ އެވެ.

އެ ޕްރޮފެސަރު ވިދާޅުވި ގޮތުގައި އެންމެ އެކަށޭނެ ގޮތަކަށް ސަލާމަތްތެރިކަން ހޯދަން ބޭނުންނަމަ މާސްކް އެޅުމާއެކު އިޖްތިމާއީ ގައިދުރުކަން އަދި ރަނގަޅަށް ވައިދައުރުވާ ފަދަ ތަނަކަށް އެތަނެއް ހެދުން ވަރަށް މުހިންމު ކަމަށެވެ.

ދިރާސާ ހެދި ޓީމުން ބުނިގޮތުގައި 30 ސިކުންތަށް ވާހަކަ ދެއްކުމުން އެ މާހައުލަކަށް ފެތުރޭ ކުދިކުދި ފެންތިކި މީހަކު ކިނބިހި އެޅުމުން ފެތުރޭ ވަރަށް ވުރެ ބޮޑެވެ. އަދި މި ފެން ތިކިތައް އެ މާހައުލެއްގައި ގަޑިއެއްހާއިރު ހުންނާނެ ކަމަށްވެ އެވެ.

އެ ޓީމުން ބުނިގޮތުގައި ކުޑަކުޑަ ތަންތަނުގައި ރަނަގަޅަށް ވައިދައުރުވާ ގޮތެއްނެތް ނަމަ މިފަދަ ގޮތަކުން ކޮވިޑް ފެތުރިދާނެ އެވެ. - އަރަބްނިއުސް