އަވަށްޓެރި ސްރީލަންކާ އިގްތިސޯދީ ގޮތުން އޮތް ހާލަތައް ރާއްޖެ ދާން ބޭނުން ނޫން ނަމަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ވޯޓު ދެއްވުމަށް ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އިލްޔާސް ލަބީބުގެ ކެމްޕެއިން ނިންމުމަށް މިރޭ ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގަ އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ދަރަނި މިހާރު އޮތީ އިންތިހާއަށް ކަންބޮޑުވާ މިންވަރަށް ކަމަށެވެ. އަދި 2026 ވަނަ އަހަރު ދަރަނި ދައްކަން ދައުލަތުގެ ބަޖެޓުން އެއް ބިލިއަން ޑޮލަރު ހޭދަ ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެ ނަޝީދު ވިދާޅުވީ މިސަރުކާރުން ދަރަނި ދައްކަން ހަދާފައި އޮތް ޕްލޭނަކީ އިތުރު ގައުމުތަކުން މަތި މައްޗަށް ދަރަނި ނެގުން ކަމަށެވެ. އަދި ރާއްޖޭގެ ދަރަނި ދައްކަން ހަރުދަނާ ސިޔާސަތެއް އޮތް އެއްވެސް ކެންޑިޑޭޓެއް އިލްޔާސް ނޫނީ ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ބޭސްފަރުވާ އާއި ސެންޓާ ޗޮކުލެޓާ ހުރިހާ އެއްޗެއް ރައްޔިތުންނަށް ހޯދާ ދެވޭނީ މި ދަރަނީގެ މައްސަލަ ހައްލު ކޮށްގެން. ދަރަނީގެ މައްސަލަ ހައްލުކުރުމަށް ވާހަކަ ދައްކާ ހަމައެކަނި ކެންޑިޑޭޓަކީ މީ. އިލްޔާސް ލަބީބް އަޅުގަނޑު އެބޭފުޅާއަށް ތާއީދުކުރަނީ ހަމައެކަނި އެސަބަބަށްޓަކައި. އެކަން ނުކޮށް ރާއްޖޭގައި ކުރެވޭނެ އެއްވެސް ކަމެއް ނެތް. 2026 ގެ ފަހުން އެއްވެސް ބޭފުޅަކު ތިންއިރު ކައިގެން އުޅެން ބޭނުމިއްޔާ އިލްޔާސް ލަބީބްއަށް ވޯޓު ދެއްވާ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
މިވަގުތު މުހިންމު ވަނީ ރާއްޖޭގެ ބޭރުގެ ސިފައި ތިބިތޯ ބެލުމެއް ނޫން ކަމަށާއި އެންމެ މުހިންމު ކަމަކީ ރާއްޖޭގެ ދަރަނި ދެއްކޭނެ ގޮތެއް ހޯދުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތާއި ދެން ވާން އުޅޭ ގޮތެއް އެނގިވަޑައިގަންނަވާ އެއްވެސް ރިޔާސީ ކެންޑިޑޭޓަކު ނެތް ކަމަށާ ދަރަނި ދައްކާނެ ގޮތާއި ދަރަނީގެ މައްސަލަ ހައްލު ކުރައްވާނެ ގޮތް ހަމައެކަނި ވިދާޅު ވަނީ އިލްޔާސް ލަބީބު ކަމަށް ނަޝީދު ވިދާޅުވި އެވެ.
މިވަރުން ކިހިނެތް އިލްޔާސް ހޮވޭނީ