ގުޖުރާތު (21 ޖެނުއަރީ) - ޑްރެގަން ފުރުޓްގެ ނަން ޗައިނާގެއާ ގުޅޭކަމަށް ފެންނާތީ، އިންޑިއާގެ އަވަށަކުން ޑްރެގަން ފްރުޓްގެ ނަން ބަދަލުކޮށްފި އެވެ.

އިންޑިއާގެ ގުޖުރާތު ސްޓޭޓުގެ ޗީފް މިނިސްޓަރު ވިޖޭ ރުޕާނީ ވިދާޅުވިގޮތުގައި އެ ސްޓޭޓުގެ ސަރުކާރުން ވަނީ ޑްރެގަން ފުރުޓްގެ ނަން ބަދަލުކުރުމަށް ނިންމާފަ އެވެ. އެ ފުރުޓުގެ ބައްޓަން ބޮޑައް ވައްތަރުވަނީ ލޮޓަސް އަކާއި ކަމަށްވުމުން ފްރުޓްގެ ނަން ސާންސްްކްރިތު ނަމެކަަމަށްވާ "ކަމަލަމް" އަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ޗީފް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިއީ އެއްވެސް ވަރަށް ސިޔާސީ މަގުސަދެއް އޮވެގެން ކުރާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ގުޖުރާތު ސްޓޭޓަކީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީގެ އުފަން ސްޓޭޓެވެ. ލޮޓަސް މާ ނުވަތަ ހިންދީ ބަހުންނަމަ "ކަމަލް" އަކީ މޯދީގެ ޕާޓީ ބާރަތިޔާ ޖަނަތަ ޕާޓީގެ ނިޝާނެވެ.

ގުޖުރާތުގެ ކުޓްޗް ސަރަހައްދަކީ އިންޑިޔާގެ އެންމެ ގިނައިން ޑްރެގަން ފްރުޓް އުފައްދާ ސަރަހައްދެވެ. މި ސަރަހައްދުގައި 200 ދަނޑުވެރިން 1،500 އޭކަރުގެ ބިމުގައި ޑްރެގަން ފްރުޓް ހައްދާކަމަށްވެ އެވެ.

ގުޖުރާތުގެ ދަނޑުވެރިން ބުނާގޮތުން ޑްރެޑަން ފްރުޓްގެ ނަން އިންޑިއާ މީހުންގެ ގަބޫލުކުރާ ނަމަކަށް ބަދަލުވުމުން އެ ފްރުޓް ބޭނުންކުރާ މީހުން ގިނަވެ އަދި އިންޑިޔާގައި މަގްބޫލް ފްރުޓަކަށް ވާނެ އެވެ. އަދި މިކަމުން އިންޑިއާ މީހުންނަށް އުފާވެރިކަން ގެނެސްދޭނެ ކަމަށް ވެސް ދަނޑުވެރިން ބުނެ އެވެ.

ގުޖުރާތުގެ އިދިކޮޅު ޕާލިމެންޓް މެމްބަރުން ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ކޮންގްރެސް ސްޕޯކްސް ޕާސަން މަނިޝް ދޮޝީ ވިދާޅުވި ގޮތުގައި ގުޖުރާތު ސަރުކާރަކަށް ރައްޔަތުންނަށް ފައިދާހުރި އެއްވެސް ކަމެއް ނުވާތީވެ މަސައްކަތްކުރަމުން ދަނީ ރައްޔިތުންގެ ފޯކަސް މުހިންމު ކަންކަމުން އެހެން ދިމާއަކަށް ބަދަލުކުރުމަށް ކަމަށެވެ.

އިންޑިއާ އާއި ޗައިނާގެ ގުޅުން ވަނީ މިދިޔަ އަހަރު ޖޫން މަހުގައި ހިމާލިޔާ ސަރަހައްދުގައި ހިނގި ކުރިމަތިލުންތަކުގައި އިންޑިއާގެ 20 ސިފައިން މަރުވުމާ ގުޅިގެން ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އަދި މިކަމާއި ގުޅިގެން އިންޑިއާ އިން ވަނީ ޗައިނާ އިން މުދާ އެތެރެ ކުރުމާއި އަދި ޗައިނާގެ އެޕްތަށް އިންޑިޔާގައި ބޭނުންކުރުން މަނާކޮށްފަ އެވެ. މީގެ ތެރޭގައި ޓިކްޓޮކް، ވީޗެޓް، އަލީބާބާ ފަދަ އެޕްތައް ހިމެނެ އެވެ. – ސީއެންއެން