ސިޔާސީ ހަރަކާތްތަކާ ގުޅިގެން ކުރާ ޖޫރިމަނާގެ ފައިސާ ދައްކަން އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ފަންޑު ފޮއްޓެއް ހުޅުވައިފި އެވެ.

މިއަދު ހަވީރު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، "ހައްގު ފޮށި" ގެ ނަމުން ނަންދީފައިވާ އެ ފަންޑު ފޮށި ހުޅުއްވައި ދެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ފަންޑު ފޮށި ހުޅުއްވައި ދެއްވުމަށްފަހު އެމަނިކުފާނު ވަނީ އެ ފޮއްޓަށް ފައިސާ ހަދިޔާ ކުރައްވާފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ދާދިފަހުން ވަނީ ޕީޕީއެމް އާއި ޕީއެންސީ 150،000 ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. އެއީ އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފަށް މުޒާހަރާކުރި ކަމަށް ބުނެ ކުރި ޖޫރިމަނާއެކެވެ.

ކޮންމެ ދުވަހަކު ހެނދުނު 10:30 އިން ހަވީރު 6:00 އަށް އެ ފަންޑު ފޮއްޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށް އެ ދެ ޕާޓީން ބުންޏެވެ. އަތޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް އޮންލައިންކޮށް 7730000113564 އެކައުންޓް ނަމްބަރަށް ފައިސާ ޖަމާކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މި ސަރުކާރާ ދެކޮޅަށް ކުރާ ކޮންމެ ހަރަކާތަކަށް ވެސް ފައިސާ ބޭނުންވާ ކަމަށެވެ. އަދި މިފަންޑު ފޮށީގެ ސަބަބުން އެފަދަ ކަންކަމަށް ބޭނުންވާ ފައިސާ ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.