ބޮލީވުޑްގެ މަޝްހޫރު ރޮމޭންޓިކް ކޮމެޑީ ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރު ޑޭވިޑް ދަވަން އޭނާގެ ދަރިފުޅު މަޝްހޫރު އެކްޓަރު ވަރުން ދަވަނާއެކު އިތުރު ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މިއީ ވަރުނާއި ޑޭވިޑް އެކުގައި މަސައްކަތްކުރާ ހަތަރު ވަނަ ފިލުމެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ނަމެއް އިއުލާނުކޮށްފައިނުވާ މިފިލްމަކީ ބޮޑު ބަޖެޓަކުން ހަދާ މިއުޒިކަލް ރޮމޭންޓިކް ކޮމެޑީއެއް ކަމަށެވެ.

ވަރުން 2012 ގައި ބޮލީވުޑަށް ނުކުތް ފަހުން ޑޭވިޑް މުޅިން ވެސް ފިލްމުތައް ހަދަނީ ދަރިފުޅު ވަރޫން ހިމަނައިގެންނެވެ. އެގޮތުން ދެބަފައިން އެންމެ ފުރަތަމަ އެކީގައި ގެނެސްދިނީ 2014 ގެ "މޭ ތޭރާ ހީރޯ" އެވެ. އޭގެ ފަހުން 2017 ގައި "ޖުޅުވާ 2" ގެނެސްދިނުމަށް ފަހު 2021 ގައި "ކޫލީ ނަމްބަރު 1" ގެނެސްދިނެވެ.

މިފިލްމަކީ ޑޭވިޑް ޑައިރެކްޓްކުރާ 46 ވަނަ ފިލްމެވެ.

ވަރުން މިހާރު އަންނަނީ "ޖަވާން" ގެ ޑައިރެކްޓަރު އެޓްލީ އާއި ޕްރޮޑިއުސަރު މުރާދު ކެތާނީ ޕްރޮޑިއުސްކުރާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެ އެކްޝަން ތުރިލާގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ.