މަލޭގެ މަގުމަތިން އަންހެނުންތަކަކަށް ފޮށި، ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި މިއަދު ހައްޔަރު ކުރީ ބަރަހަނާ ހާލަތުގައި އިސްލާމީ މަރުކަޒުގެ މަސްޖިދުލްސުލްތާން މުހައްމަދު ތަކުރުފާން އައުޒަމް (އިސްލާމީ މަރުކަޒު) އަށް ވަތް މީހާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 1:00 ހާއިރު ބީއެމްއެލް ޑޮލަރު އޭޓީއެމް ސަރަހައްދުގައި މަގުމަތިން އަންހެނުންތަކަކާ ފޮށި އާންމު އުނދަގޫ ކުރަމުން ދިޔަ މީހާ އަކީ ބަންގްދަލޭޝްއަށް ނިސްބަތްވާ އުމުރުން 50 އަހަރުގެ މީހެއް ކަމަށެވެ.

އޭނާ އަކީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ބަރަހަނާ ހާލަތުގައި ހުރެ އިސްލާމީ މަރުކަޒަށް ވަދެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ ބަންގުލަދޭޝްގެ ރައްޔިތެކެވެ.

އޭނާ މަސްޖިދުލްސުލްތާން މުހައްމަދު ތަކުރުފާން އައުޒަމް އަށް ބަރަހަނާ ހާލު ވަދެފައި ވަނީ ވަނީ ބުރާސްފަތި ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު އެވެ. އެ މިސްކިތުގައި ހުރި ބައެއް ތަކެއްޗަށް އޭނާ ގެއްލުން ދިންކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.

ފުލުހުން ބުނީ އޭނާ އަކީ ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ. އަދި އޭނާ އަނބުރާ ބަންގްލަދޭޝަށް ފޮނުވާލުމުގެ މަސައްކަތް، އޭނާގެ ސްޕޮންސަރާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.