އިނގިރޭސި ޝާހީ އާއިލާއަށް ނިސްބަތްވާ ޕްރިންސަސް ޑަޔާނާގެ މަޝްހޫރު "ބްލެކް ޝީޕް" ސްވެޓާ ނީލަމެއްގައި ރެކޯޑު އަގަކަށް ވިއްކާލައިފި އެވެ.

ކާކުކަން ހާމަކޮށްފައިނުވާ މީހަކު ރަތާއި ހުދު ކުލައިގެ ވޫލުން ހަދާފައިވާ އެ ސްވެޓާ ގަނެފައިވަނީ 1.1 މިލިއަން ޑޮލަރަށް ކަމަށް ހަބަރުތައް ބުނެ އެވެ.

މި އަގަކީ އެ ސްވެޓާ ވިކޭނެ ކަމަށް ނީލަން އިންތިޒާމުކުރި ފަރާތްތަކުން އަންދާޒާކުރި އަދަދަށް ވުރެ ވެސް އެތައް ގުނައެއް ބޮޑު އަގެކެވެ.

މި ސްވެޓާއަކީ ޕްރިންސަސް ޑަޔާނާގެ ހަޔާތުގައި ވަރަށް ގިނައިން ބޭނުން ކުރެއްވި އަދި ލޯބި ވެސް ކުރެއްވެވި ހެދުމެއް ކަމަށް ބުނެވެ އެވެ.

އާއްމު ފެނިލުމެއްގައި ޑަޔާނާގެ އެ ސްވެޓާ ލައިގެން ހުރީ 1981 ވަނަ އަހަރު ޕްރިންސް ޗާލްސްއާ އެންގޭޖުވުމަށްފަހު ބަލަން ދިޔަ ޕޯލޯ މެޗެއްގަ އެވެ.

ޑަޔާނާގެ ކޮންމެ ހެދުމަކުން ވެސް މެސެޖެއް ފޮނުވާ ކަމަށް ބުނެވޭއިރު އެ ސްވެޓާއިން ފެންނަ ހުދު ކުލައިގެ ކަންބަޅިތަކުގެ ތެރޭގައި އެންމެ ކަޅު ކަންބަޅިއެއް އޮތުމުގެ ފަހަތުގައި ވަރަށް ފުން މާނައެއް އޮންނަ ކަމަށް ބުނެވެ އެވެ.

އެގޮތުން އެއިން ދޭހަކޮށްދެނީ މީހުންތަކުގެ ތެރޭގައި އަމިއްލަ ސިފަތަކާއި އަމިއްލަވަންތަކަން ގެންގުޅުމުގެ މުހިއްމުކަން ކަމަށް ޝާހީ އާއިލާގެ މާހިރުން ބުނެ އެވެ.