މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލު ކުރާނެ ގޮތެއް މިރޭ ރަސްމީކޮށް އިއުލާން ކުރައްވާނެ ކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު ވިދާޅުވީ މި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާގުޅޭ ގޮތުން ނިންމާ ނިންމުން މިރޭ 9:30 ގައި އިއުލާން ކުރާނެ ކަމަށެވެ. އެ ނިންމުން އިއުލާނު ކުރަނީ ފޭސްބުކާއި ޓިކްޓޮކް މެދުވެރިކޮށް ކަމަށް އުމަރު ވިދާޅުވި އެވެ.

https://www.facebook.com/UmarNaseerMV/posts/858168219005343?ref=embed_post

މި މަހު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އުމަރު ނަސީރު ވަނީ 6،343 ވޯޓު (2.8 އިންސައްތަ) ހޯއްދަވައި، އަށް ކެންޑިޑޭޓުންގެ ތެރެއިން ހަތަރުވަނަ ހޯއްދަވައިފަ އެވެ. އުމަރު ހަތަރުވަނަ ހޯއްދެވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ފަހަތައް ޖައްސާލެއްވުމަށް ފަހު އެވެ. ދެވަނަ ބުރަށް ޖޭޕީން ނިންމީ އެއްވެސް ކެންޑިޑޭޓެއްގެ ފަހަތަށް ނޭރުމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން ގިނަ ކެންޑިޑޭޓުން މިހާތަނަށް އައިއިރު ވަކިކޮޅެއް ނަންގަވައިފައެއް ނުވެ އެވެ. އޭގެ ތެރޭގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން، ފާރިސް މައުމޫން އާއި، ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބު ހިމެނިވަޑައިގަންނަވަ އެވެ.

އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވަނީ މުއިއްޒު ފަހަތަށް އަރާވަޑައިގެންފަ އެވެ.