ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށްވާ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތުވެ، ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އަލި މަނިކާއެކު ދައުވާކުރި ހއ. ހޯރަފުށި، އަލަނާސިގެ މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވަނީ ހުކުމްކޮށްފައެވެ. އެ ދެ މީހުންގެ އުފުލީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ.

އަލި މަނިކުގެ މައްޗަށް ހުކުމް ކުރި އިރު، އޭނާ ހައްޔަރު ކުރި ދުވަހުން ފެށިގެން މިހާތަނަށް ވެސް ހުރީ ބަންދުގަ އެވެ. އެހެންވެ، އެ މުއްދަތު ހުކުމުން އުނި ކުރުމުން ބާކީ އަލި މަނިކު ހުކުމް ތަންފީޒު ކުރަން ޖެހޭނެ ދުވަހަކާއި ދެ އަހަރާއި ނުވަ މަހާއި 29 ދުވަހެވެ.

ތަސްލީމްގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައެޅީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 1-27 ވަނަ މާއްދާގައި ހެކީގެ ނިސްބަތަކީ މި ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ ހެކީގެ ތެރެއިން މަދުވެގެން ހަތަރު ބާވަތެއްގެ ހެކި ހުރުން ކަމާއި މި މައްސަލައިގައި ތަސްލީމްގެ މައްޗަށް މި މިންވަރަށް ހެކި ލިބިފައި ނެތް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު އަލީ އާދަމަށް ގަބޫލު ކުރެއްވިގެންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން ތަސްލީމްގެ ބައި ހައި ކޯޓުގައި އިސްތިއުނާފް ކުރުމާ މެދުގައި ގޮތެއް ނިންމާނެ ކަމަށެވެ.

އަލި މަނިކަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހަރުކަށި ފިކުރު ފަތުރައި ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނު އެކަކެވެ. އެ މައްސަލާގައި ހައްޔަރުކޮށް 10 އަހަރަށް ޖަލަށް ލުމަށް މެއި 15، 2008 ގައި ވަނީ ހުކުމް ކޮށްފަ އެވެ. މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އަލި މަނިކު ދެ ފަހަރެއްގެ މަތިން ޖަލުން ފިލި އެވެ.

އެގޮތުން، 2009 ވަނަ އަހަރު ގދ. ތިނަދޫގައި އޭނާ ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރުމަށް ފަހު ބޯޓެއްގައި އޭނާ ގޮވައިގެން މާލެ އަންނަނިކޮށް ކަނޑަށް ފުންމާލައިގެން ފިލަން މަސައްކަތްކުރި އެވެ. އަދި ޖަލަށް ލާފައި ވަނިކޮށް 2010 ވަނަ އަހަރު ޖަލުން ފިލައިގެން އުޅޭތާ އަހަރެއް ފަހުން ތިލަފުށިން ވެސް އަލިމަނިކު ހައްޔަރު ކުރި އެވެ.

އަލި މަނިކުގެ މައްޗަށް ކުރި 10 އަހަރުގެ ޖަލު ހުކުމް ނުނިމި އޮއްވާ، ގާނޫނުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ހާއްސަ ބާރުގެ ދަށުން އޭނާގެ ޖަލު ހުކުމުގެ މުއްދަތު ތިން ދުވަހަށް ކުރުކޮށް، މެއި 5، 2019 ގައި އޭނާ ވަނީ މިނިވަންކޮށްފަ އެވެ. އޭރު އޭނާ ހުކުމް ތަންފީޒު ނުކޮށް އޮތީ އަށް މަސް ދުވަހެވެ.