ރާއްޖޭގައި ކަރަންޓްގެ އަގުތައް ކަނޑައަޅާ ޓެރިފް ރޭޓް ފްލެޓް ރޭޓަކަށް ބަދަލުކުރުމުން ކަރަންޓް ބިލުން 30 އާއި 50 ޕަސެންޓަށް ކުޑަވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގޭބިސީތަކުން ބޭނުންކުރާ ކަރަންޓަށް އެކި ބޭންޑްތަކަކުން އަގުކުރުމުގެ ބަދަލުގައި ފްލެޓް ރޭޓަކުން އަގު ނަގަން ނިންމަވާ، އެކަން ހާމަކުރައްވާފަ އެވެ.
މިކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ޕީއެސްއެމްއަށް ވިދާޅުވީ ފްލެޓް ރޭޓަށް ކަރަންޓް ބިލުކުރަން ފެށުމުން ކަރަންޓް ބިލު ބޮޑުވެގެން ކުރާ ޝަކުވާތަކަށް ނިމުމެއް އަންނާނެ ކަމަށެވެ.
ފްލެޓް ރޭޓު ކަނޑައެޅުމަށްޓަކައި މިހާރު ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. ފްލެޓް ރޭޓުގެ ގޮތުގައި 1.5 ރުފިޔާ ކަނޑައެޅިއްޖެނަމަ ކަރަންޓު ބިލުން 30 އިންސައްތައާއި 50 އިންސައްތައާ ދެމެދު ކުޑަވެގެންދާނެކަމަށް އަންދާޒާކުރެވޭކަމަށްވެސް ޝަރީފު ފާހަގަ ކުރެއްވި އެވެ.
ޝަރީފް ވިދާޅުވީ އަމާޒަކީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ފްލެޓް ރޭޓްތައް ކަނޑައަޅާ ބިލުތައް ތައްޔާރުކުރުން ކަމަށެވެ.
ކަރަންޓު ބިލް ބިލްކުރާއިރު ގޭބިސީތަކަށް ގާތްގަނޑަކަށް ހަތް ބޭންޑް ކަނޑައަޅާފައި އޮވެ އެވެ. ކަރަންޓު ބޭނުންކުރާ ވަރަކަށް ކޮންމެ ބޭންޑަކަށް އިތުރުވަމުންދެ އެވެ. އަދި އެކަމުގެ ސަބަބުން ބިލް ވަރަށް ބޮޑުވެގެންދެ އެވެ. ހާއްސަގޮތެއްގައި ހޫނު މޫސުމުގައި ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ އަބަދުވެސް ރައްޔިތުން ކުރެ އެވެ.
ރާއްޖޭގައި ކަރަންޓްގެ އަގުތައް ކަނޑައަޅާ ޓެރިފް ރޭޓުތަކަށް އެންމެ ބޮޑު ބަދަލެއް ގެނެސްފައި ވަނީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން ކަރަންޓުގެ އަގަށް ޑިސްކައުންޓު ދީ، މި ސަރުކާރުން 2022 ވަނަ އަހަރު ވަނީ މާލެއާއި ރަށްރަށުގެ ކަރަންޓުގެ އަގުތައް އެއްހަމަކޮށްފަ އެވެ.