ލ. ގަމުން ދޫކުރާ ގޯތި ދިނުން ލަސްވާތީ ރައްޔިތުން ނުކުމެ އެރަށު ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާ ކޮށްފި އެވެ.
މުޒާހަރާގެ ބައިވެރިން ބުނެފައިވާ ގޮތުގައި އެ ރަށުން ދޫކުރަން ފުރަތަމަ ނިންމީ 2،000 އަކަފޫޓުގެ ގޯއްޗެވެ. ނަމަވެސް އެ ގޯތިތަކުގެ ސައިޒު 4،000 އަކަފޫޓަށް ބޮޑުކުރުމުން ގޯތި ދޫކުރުން ލަސްވެފައިވާ ކަމަށާއި އެއާގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ހުރި ކަމަށެވެ.
މުޒާހަރާގެ ބައިވެރިންނާ ވާހަކަ ދައްކަވަމުން ކައުންސިލްގެ ރައީސް އަހުމަދު ޒަކީ މިއަދު ވިދާޅުވީ ލޭންޑް ޔޫޒް ޕްލޭން ފާސްނުކޮށް ގޯތި ދޭން ހުށަހެޅީ އެކަން ކުރެވޭ ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ. އަދި ލ. ގަމުން 2018 ވަނަ އަހަރު ދޫކޮށްފައިވާ 400 ގޯތި ބޮޑުކުރުމަށް އެދި ޕްލޭނިން މިނިސްޓްރީ އަށް ހުޅަހެޅި ނަމަވެސް އެ މިނިސްޓްރީގެ ހުއްދަ ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި އޭގެ ފަހުން ގޯތި ދިނުމުގެ ހުއްދައަށް އެދި މި މަހުގެ 3 ވަނަ ދުވަހު ހުށަހެޅި ނަމަވެސް މިހާތަނަށް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މުޒާހަރާގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު މުޒާހަރާގެ ބައިވެރިން ހަރަކާތްތެރިވަނީ އެ މީހުންގެ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ވެސް ހިފައިގެންނެވެ. ކައުންސިލްގެ ބޭރުގައި ރައްޔިތުން އެއްވެ ހަރަކާތްތެރިވަމުންދާއިރު ފުލުހުންވަނީ ކައުންސިލްގެ ގޯތި ތެރެއަށް ނުވަދެވޭނެހެން ޓޭޕް ދަމައިފަ އެވެ.