ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ އަށް އޭނާ އިންކާރު ކުރައްވައިފި އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ މިއަދު މެންދުރުފަހު 1:30 ގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން އަލީ ވަހީދު ހުރިހާ ދައުވާތަކަށް ވެސް އިންކާރު ކުރައްވާފައިވާ ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލާފައި ވަނީ އަލީ ވަހީދުގެ ފަރާތުން ހެއްކާއި އެހެނިހެން ހުށަހެޅުންތައް ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމަށްފަހު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ކޯޓުން ބުނީ އަޑުއެހުންތައް ކުރިއަށް ދާނީ މީޑިއާ އާއި މީހުންނަށް ނުވަދެވޭ ގޮތަށް ސިއްރު އަޑުއެހުންތަކެއްގެ ގޮތުގައި ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އޮފީހަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އަލީ ވަހީދު މަގާމުން ވަކިކުރީ މިިދިޔަ ޖުލައި މަހުގެ ނުވަވަނަ ދުވަހު އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް:ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެ މައްސަލައިގެ ތަހުގީގަށް އަލީ ވަހީދުގެ ފޯނާއި ލެޕްޓޮޕަކާއި ޕާސްޕޯޓު ވެސް ފުލުހުން ހިފެހެއްޓި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ ވަހީދު މީގެ ކުރިން ވިދާޅުވެފައި ވަނީ އިންސާފުވެރިކަމާ އެކު އެ މައްސަލަ ތަހުގީގުކޮށްފިނަމަ އޭނާގެ ކުށެއް ނެތްކަން ހާމަވެގެންދާނެ ކަމަށެވެ.