ކައިރޯ (24 ޖެނުއަރީ) - މިސްރުގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުން ކޮވިޑުން ރައްކާތެރިކުރުމަށް ވެކްސިން ދިނުމުގެ ބޮޑު ކެމްޕެއިނެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް ސީސީ ވަނީ ވެކްސިން ކެމްޕެއިން ފެށުމަށް ތައްޔާރުވެފައިވާކަން ހާމަކޮށްފަ އެވެ.

މިސްރުގެ ހެލްތް މިނިސްޓްރީން ބުނިގޮތުގައި ވެކްސިން ފޯރުކޮށްދޭ އިންޓަނޭޝަނަލް ޖަމާއަތްތަކުން 40 މިލިއަން ވެކްސިން ޑޯޒްގެ ވެކްސިން ލިބޭނެ އެވެ.

މި ވަރުން މިސްރުގެ 100 މިލިއަން މީހުންގެ އާބާދީގެ 20 ޕަސެންޓް މީހުންނަށް ވެކްސިން ދެވޭނެ އެވެ. ޗައިނާއިން އުފެއްދި ސިނޮޕާމް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ގެ ވެކްސިން ވަނީ މިދިޔަ ޑިސެމްބަރު ގައި މިސްރަށް ލިބިފަ އެވެ.

ހެލްތް މިނިސްޓްރީން ބުނީ ވެކްސިން ޖަހާ މީހުންނަކީ އުމުރުން 18 އަހަރުން މަތީ މީހުންނަށް ވާންޖެހޭނެ ކަމަށާއި އަދި ކުޑަކުދިންނާއި މާބަނޑު އަންހެނުންނަށް ވެކްސިން ނުޖަހާނެ ކަމަށެވެ.

މި ވެކްސިން ޖެހުމަށް 36 ސެންޓަރު މިސްރުގެ އެކި ހިސާބުތަކުގައި ގާއިމްކުރެވާނެ އެވެ. އަދި އެންމެ ފުރަތަމަ ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ސިއްހީ ހިދުމަތްތެރިންނަށެވެ. އަދި އޭގެ ފަހުން ހިތުގެ ބަލިތަކާއި، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ދެވޭނެ އެވެ.

ހެލްތް މިނިސްޓްރީން ބުނީ އެ ވެކްސިން މިސްރުގައި ބޭނުންކުރުމުގެ ހުއްދަ ދީފައި ވަނީ އެކަށީގެންވާ ރަނގަޅު ޓެސްޓްތަކެއް ހެދުމަށްފަހު ކަމަށެވެ. އަދި މިވެކްސިން ކޮވިޑާ ދެކޮޅަށް 86 ޕަސެންޓް ކާމިޔާބު ކަމަށްވެ އެވެ. އެ ވެކްސިން ޖެހުމުން ބައެއް މީހުންގެ ފަރާތުން ތަދުވުމާއި، ހިރުވުމާއި، ހުންގަދަވުމާއި، ބޮލުގައި ރިއްސުމާއި، ހޮޑުލުމާއި، ބޭރަށް ހިންގުން، ކެއްސުމާއި އަދި ހުޅުހުޅުގައި ރިއްސުން ފަދަ ކަންކަން ދިމާވެދާނެ ކަމަށެވެ. ނަމަވެސް މިފަދަ ކަންކަން އިތުރު ބޭހަކާއި ނުލައި ރަނގަޅުވާނެ ކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހޮނިހިރު ދުވަހު މިސްރުގައި ވަނީ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ތިރި ވެފަ އެވެ. ހޮނިހިރު ދުވަހު ޕޮޒިޓިވް ވެފައިވަނީ 680 މީހުންނެވެ. މިސްރުން ވަނީ ޖުމްލަ 161،000 މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި މި ރޯގާގައި 8902 މީހުންވަނީ މަރުވެފަ އެވެ.