މޮސްކޯ (24 ޖެނުއަރީ) އެމެރިކާއާ ދެމެދު ހިޔާލު ތަފާތުވި ނަމަވެސް، ގުޅުން ރަނގަޅުކުރުމަށް ވާހަކަ ދައްކަން ތައްޔާރު ރަޝިއާއިން ބުނެފި އެވެ.
ރަޝިއާގެ ކްރެމްލިން ސްޕޯކްސްޕާސަން ޑިމިޓްރީ ޕެސްކޯވް ޓީވީ ޗެނެލަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރަޝިއާ އާއި އެމެރިކާ ދެމެދުގައި ހުރި ތަފާތު ހިޔާލުތަކާއި ކަންތައްތަކާއެކު ވެސް ދެ ގައުމުގެ ގުޅުން ރަނގަޅުކުރުމަށް ވާހަކަ ދެއްކުމަށް އެމެރިކާއިން ބޭނުންނަމަ ރަޝިއާގެ ރައީސް ވްލަޑްމީރު ޕުޓިން ވެސް އެގޮތް ބޭނުންވާ ކަމަށެވެ. އަދި މި ވާހަކަތަކުގައި ދެ ގައުމުން އެއްބަސްވާ ކަންކަން އިތުރަށް ރަނގަޅުކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިއާ އާއި އެމެރިކާގެ ގުޅުން ވަނީ ފިނިހަނގުރާމައިގެ ދުވަސްވަރު މި ދެގައުމުގެ ގުޅުން އޮތް ހާލަތަށް ދަށްވެފަ އެވެ.
އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި ރަޝިޔާއިން ވަނީ އެ ގައުމުގެ އިންތިހާބަށް ނުފޫޒުފޯރުވުމަށް މަސައްކަތް ކޮށްފަ އެވެ. އަދި ދާދި ފަހުން އެމެރިކާގެ ސަރުކާރުގެ އެކި އެޖެންސީތަކަށް ދިން ސައިބާ ހަމަލާގައި ވެސް އެމެރިކާއިން ތުހުމަތުގެ އިނގިލި ދިއްކުރަނީ ރަޝިއާއަށެވެ. އަދި މީގެ އިތުރުން ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ ހައްޔަރުކުރުމާއެކު ކުރަމުންދާ މުޒާހަރާގައި ހައްޔަރުކުރި މީހުން ދޫކުރުމަށް އެމެރިކާއިން ވަނީ ގޮވާލާފަ އެވެ.
އެމެރިކާއިން ބުނިގޮތުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ރަޝިޔާއިން ދަނީ ފާޅުގައި އަރައިގަންނަމުންނެވެ. އަދި ރަޝިޔާއިން ތުހުމަތު ކުރާ ގޮތުގައި އެމެރިކާއިން މަސައްކަތްކުރަނީ ރަޝިއާގެ ދާހިލީކަންކަމުގެ ތެރެއަށް ވަންނާށެވެ.
އެމެރިކާގެ ރައީސްކަމާއި އަލަށް ހަވާލުވި ޖޯ ބައިޑެން އަށް އެންމެ ފަހުން މަރުހަބާ ވިދާޅުވި ލީޑަރުންގެ ތެރޭގައި ރަޝިއާގެ ލީޑަރު ޕުޓިން ހިމެނެ އެވެ. ދެ ގައުމުގެ ދެމެދުގައި މިހާރު އެންމެ މުހިންމު މައްސަލައެއްގެ ގޮތުގައި އޮތީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ރަޝިޔާގެ ކުރީގެ ރައީސް ޑިމިޓްރީ މެޑްވިޑޭވް 2010 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ސޮއި ކުރި އާމްސް ޓްރީޓީ އެވެ. މި ޓްރީޓިގައި ދެ ގައުމުން ވަނީ ނިއުކްލިއާ ވޯހެޑްތަކުގެ އަދަދު 1،550 އަށް ވުރެ އިތުރު ނުކުރުމަށާއި، މިސައިލް އަދި ބޮންއަޅާ ބޯޓުތަކުގެ އަދަދު އިތުރު ނުކުރުމާއި، ދެގައުމުގައި ހުރި ތަންތަނުގެ އިންސްޕެކްޝަން އަށް ދާ ފަރާތްތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެއްބަސްވެފަ އެވެ.
މި އެއްބަސްވުގެ މުއްދަތު ދެ ހަފްތާ ފަހުން ހަމަވެގެންދާއިރު ޓްރަމްޕް ސަރުކާރުން މި އެއްބަސްވުން އަލުން އެކުލަވާލުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައެއް ނުވެ އެވެ. ނަމަވެސް އާ ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާއިން މި އެއްބަސްވުން އަލުން އެކުލަވާލަން ބޭނުންވާކަން މިދިޔަ ހަފްތާގައި ރަޝިއާއަށް އަންގާފަ އެވެ. އަދި ރަޝިއާއިން ވެސް ވަނީ މިކަމަށް ފެހި ސިގްނަލް ދީފަ އެވެ.
ވައިޓްހައުސްއިން ބުނިގޮތުގައި އެ އެއްބަސްވުން އިތުރު ފަސް އަހަރުގެ މުއްދަތު ބައިޑެން ބޭނުންފުޅުވެ އެވެ.