މީޑިއާނެޓްގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ވެބް ސީރީޒް 'ޤަރީނާ' އަންނަ މަހު ފަހެއްގައި މީޑިއާނެޓްގެ ވީޑިއޯކްލަބުގައި ޕްރިމިއާކުރާ ގޮތަށް ނިންމައިފި އެވެ.

މި ވެބް ސީރީޒްއަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ސީރީޒެކެވެ.

އަންނަ މަހު ފަހެއްގައި ޕްރިމިއާކުރާ މި ސީރީޒްގައި ފެނިގެންދާނީ ރާއްޖޭގެ ރަށެއްގައި، އުމުރުން 5 އަހަރުގެ ކުޑަކުއްޖަކު ގަތުލުކޮށްލި ހަބަރު މީޑިއާތަކާ ހަމައަށް ގެނެސްދިނުމަށް ތަހުގީގީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ނޫސްވެރިއަކު އެ ރަށަށް ކުރާ ދަތުރުގައި ދިމާވާ ތަފާތު ހާދިސާތަކާއި ނުތަނަވަސްކަމާއި އުފެދޭ ސުވާލުތަކަށް ޖަވާބުތައް ހޯދުމަށް، އެ ރަށުގެ ޕޮލިސް އިންވެސްޓިގޭޝަން އޮފިސަރުންނާއި އެކީ ކުރާ މަސައްކަތް ފެނިގެންދާނެ އެވެ.

މިއީ މި އަހަރުގެ ފެބްރުއަރީގައި އޮލިމްޕަހުގައި ދެއްކި ފިލްމު "ބީވީމާ" ލިޔެ، ޑައިޓްކުރުމުގެ އިތުރަށް މެއި މަހު އެޅުވި ފިލްމު "ލޯބިވެވިއްޖެ" ގެ ސްކްރީން ރައިޓަރު އަހުމަދު ޒަރީރުގެ ސްކްރީންޕްލޭއަކަށް އެކްޓަރު މުހައްމަދު ފައިސަލް ޑައިރެކްޓްކޮށްފައިވާ ވެބް ސީރީޒެކެވެ.

ޖުމްލަ 13 އެޕިސޯޑް ހިމެނޭ މި ސީރީޒްގެ ފުރަތަމަ އެޕިސޯޑް ރިލީޒް ކުރާއިރުގައި މި ސީރީޒާ ގުޅޭ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމުކުރަމުން ދާނެ ކަމަށް މީޑިއާނެޓު ވީޑިއޯ ކްލަބުން ބުނެ އެވެ.

މި ސީރީޒުން ދިވެހި ފިލްމީ ދާއިރާގެ ފުންނާބު އުސް އެކްޓަރުންތަކެއް ފެންނާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަރިޔަމް މަޖުދާ އާއި

މުހައްމަދު ފައިސަލް އަދި އަލީ ފާރޫގް އެވެ. މީގެ އިތުރުން، ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ތަރިންތަކެއް ވެސް މި ސީރީޒްގައި ހަރަކާތްތެރިވެ އެވެ. އޭގެ ތެރޭގައި އައިޝާ އަލީ އާއި ޝާރިފް އަދި އަންޝާމް މުހައްމަދު ހިމެނެ އެވެ.