ހުޅުމާލެއިން ހދ.ހަނިމާދުއަށް ހަ މީހުންނާއެކު ދަތުރުކުރި ސަފާރީއެއްގައި ރޯވެ އަޑިއަށް ހިނގައްޖެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް މިހާތަނަށް ގެއްލުމެއް ނުލިބޭ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

"ނައުޓިލަސް ވަން" ކިޔާ ސަފާރީގައި ރޯވީ ކ. ކާށިދޫއާ 13 މޭލު ބޭރުން ދަތުރުކުރަނިކޮށެވެ. ރޯވިއިރު ތިބީ އޭގައި ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރާ ފަސް ދިވެހިންނާއި ބިދޭސީއެކެވެ.

އެމްއެންޑީއެފްއިން ބުނީ ސަފާރީގެ ޑައިވިން ދޯނީގައި އެ މީހުން ބ. ދަރަވަންދޫއަށް ދަތުރުކުރަން ފަށާފައިވާ ކަމަށެވެ. އަދި ދިވެހިންނާއި ބިދޭސީ މީހާގެ ހާލު ވެސް ރަނގަޅު ވެ އެވެ.

އެމްއެންޑީއެފް އިން ބުނީ ސަފާރީގައި ރޯވި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ދަންވަރު 3:39 ގައި ކަމަށެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުން ދަނިކޮށް 6:44 ގައި ސަފާރީ އަޑިއަށް ގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.