މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި ރާއްޖޭގައި ބެހެއްޓި 586 ވޯޓު ފޮށީގެ ތެރެއިން މިހާރު ވަނީ ދެބައިކުޅަ އެއްބައި ވޯޓު ފޮށިތައް ގުނައި ނަތީޖާ އިއުލާންކޮށްފި އެވެ.

އޭގެ ތެރެއިން ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހަންމަދު މުއިއްޒު އުޅުއްވަނީ 5،500 ވޯޓުގެ ތަފާތަކުން ކުރީގަ އެވެ.

މިހާތަނަށް 321 އަށް ވުރެ ގިނަ ފޮށީގައި ނަތީޖާ ލިބިފައި ވާއިރު ކުރީގައި އުޅުއްވަނީ އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. ގުނި ވޯޓުގެ 53 ޕަސެންޓް މުއިއްޒަށް ލިބިވަޑައިގެންފައިވެ އެވެ.

ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި މާލޭގައި ބެހެއްޓި ވޯޓު ފޮއްޓެއް ގުނުމުގެ މަސައްކަތް އިލެކްޝަންސްގެ އޮފިޝަލުން ކުރަނީ. ފޮޓޯ: އިލެކްޝަންސް

މި އިންތިހާބަށް 586 ވޯޓުފޮށި ބަހައްޓާފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރާ ގޮތުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު 282،803 މީހަކަށް ލިބިގެންވެ އެވެ.

އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓާ ކުރަން ހުށައެޅި ފޯމްތަކުގެ ތެރެއިން ސައްހަވީ 38،763 ފޯމެވެ. އަދި ސައްހަކަން ކަށަވަރު ނުވި 11،284 ފޯމުގެ ތެރޭގައި އެ މީހާއަށް ނޭނގި އެމީހާގެ ނަމުގައި ސައްހަ ނޫން ފޯމް ހުށައެޅުމުގެ ބައެއް ޝަކުވާ ލިބުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި މާލޭގައި ބެހެއްޓި ވޯޓު ފޮއްޓެއް ގުނުމުގެ މަސައްކަތް އިލެކްޝަންސްގެ އޮފިޝަލުން ކުރަނީ. ފޮޓޯ: އިލެކްޝަންސް

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.