ސުޝާންތު ސިންހް ރާޖްޕުޓްގެ މަރަށްފަހު ކުރިމަތިވި އަދި ކުރިމަތިވަމުން އަންނަ ފުރައްސާރައާ ބެހޭގޮތުން އޭރު ސުޝާންތުގެ ލޯބިވެރިޔާ ކަމަށް ބުނެވުނު ރިއާ ޗަކްރޮބޮތީ ވާހަކަ ދައްކައިފި އެވެ.

އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ތިން އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އެވާހަކަ ދައްކަމުން ރިއާ ބުނެފައިވަނީ މިއަދު ވެސް އޭނާއަށް އެކި ކަހަލަ ފުރައްސާރަތަކާ ކުރިމަތިވާ ކަމަށެވެ.

އެގޮތުން އިންޓަނެޓާއި މަގުމަތީގައި ވެސް އޭނާއަށް އެކި ކަހަލަ ނަންނަމުން ގޮވާ ކަމަށާއި އޭނާއަށް ބަދުބަސް ބުނެ ހަދާ ކަމަށް ވެސް ރިއާ ބުންޏެވެ.

"އަހަންނާ ދިމާއަށް މީހުން ބަލަނީ ވަރަށް ފާޑަކަށް. އަހަރެން ދުނިޔޭގައި އަދިވެސް ހުރީ ކީއްކުރަންތޯ ސުވާލުކުރާ ކަހަލަ ގޮތަކަށް" ރިއާ ބުންޏެވެ.

ސުޝާންތުއަށް ޑްރަގްސް ދިނިންތޯ ސުވާލު ކުރެވެމުން ރިއާ ބުނީ އެ މައުޟޫއަށް އިތުރަށް ވާހަކަ ދައްކަން ބޭނުންނުވާ ކަމަށާއި އެއީ އޭނާގެ ދިރިއުޅުމުގެ ބައެއް ނޫން ކަމަށެވެ.

2020 ވަނަ އަހަރު ސުޝާންތު ދިރިއުޅެމުންދިޔަ ގޭގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނުނުއިރު ރިއާއާއި އޭނާގެ ބޭބެއަށް ވަނީ އެ މައްސަލާގައި ތުހުމަތުތަކެއް ކުރެވިފަ އެވެ.