މީހުންނަށް އަޅާލާ، އެ މީހުންގެ ހުރިހާ ކަމެއް ކޮށްދިނުމަކީ ފުލް-ޓައިމް ވަޒީފާއެއް އަދާކުރުން ކަހަލަ ކަމެކެވެ.

އާއިލާގެ އެންމެންގެ ކަންތައް ބަލަހައްޓާ ބަލިވުމުން ބޭސްކޮށް ކަންތައް ކޮށްދޭ މީހާއަށް ގިނަ ފަހަރު އޮންނަނީ އަމިއްލަ ނަފްސަށް ދޭން ޖެހޭ ސަމާލުކަން ވެސް ނުދެވިފަ އެވެ.

ކޮންމެހެން ކުރަންޖެހޭ ކަންތައް ކަމަށްވާ ކެއްކުމާއި ވިޔަފާރިކުރުމާއި މިހުރިހާ ކަމެއް ކުރުމާއެކު ދެން ވެސް ކުރަންޖެހޭ އެހެންކަންތައް ކުރުމަކީ ވަރަށް ގިނަ ވަގުތާއި ހަކަތަ ބޭނުންވާނެ ކަންކަމެވެ. ހުއްޓުމެއް ނެތި މިކަންތައް ކުރާ ނަމަ މީހާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އޭގެ ނޭދެވޭ އަސަރުކުރެ އެވެ.

ދިރާސާތަކުން ދައްކާގޮތުގައި އެހެން މީހުންނަށް އަޅާލާ، ކަންތައްކޮށްދޭ މީހުންގެ ކިބައިން ހަމަ ނިދި ނުލިބުމާއި ކަސްރަތު ނުކުރެވުން އަދި ރަނގަޅަށް ކައިބޮއެ ނުހެދުމުގެ އިތުރުން އަމިއްލަ މީހާއަށް ދިމާވާ ސިއްހީ މައްސަލަތަކާ މެދު ފަރުވާކުޑަކުރެވުން ފަދަ އަލާމާތްތައް ފެނެ އެވެ.

އެމެރިކާގެ މާޔޯ ކްލިނިކުން ބުނިގޮތުގައި ކޮންމެ ތިން މީހަކުން އެކަކީ ކޮންމެވެސް ސިފައެއްގައި އެހެން މީހެއްގެ ކަންތައް ބަލަހައްޓައިދޭ މީހުންނެވެ.

މިފަދަ މީހުން އެހީއެއް ބޭނުންވާ ނަމަ އާއިލާ އާއި ގާތްތިމާގެ މީހުން ކައިރީގައި ފަސޭހަކަމާއެކު އެހީއަށް އެދެވޭނެ މަގުފަހިކޮށްދޭން ޖެހެ އެވެ. ކޮންމެ ކޮންމެ މީހަކަށް އެބޭނުންވާ އެހީތެރިކަން ފޯރުކޮށް ނުދެވިދާނެ އެވެ. ނަމަވެސް އެހީ ބޭނުންވަނީ ސީދާ ކޮން ކަމެއްކަން އަހާ، އެކަން ދެނެގަނެ އެކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ ޖެހޭނެ އެވެ.

މިސާލަކަށް ކެއްކުން، ކުނިކެހުން، އެއްޗެހި ދޮވުން ފަދަ ގޭތޭރޭގައި ކުރާ ކުދި މަސައްކަތްތައް ކުރުމުގައި އާއިލާގެ މެންބަރުންނަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ އެވެ. އަދި ގަވާއިދުން ގުޅާ ހާލު ބަލާ ، ބޭނުންވަނީ ކޮންކަމެއްތޯ އޮޅުންފިލުވާ ހެދިދާނެ އެވެ.

މިފަދަ ކުދި ކުދި ކަންތަކުން އެމީހުންގެ މަސައްކަތް ފަސޭހަވެފައި މަސައްކަތް ކުރާ ހިތްވާނެ އެވެ. އަދި އަމިއްލަ ކަންތައް ކުރުމަށް އެމީހުންނަށް ވަގުތު ހުސްކުރެވޭނެ އެވެ.