ރާއްޖޭގެ ދެކުނުގެ ރަށެއްގައި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ރޭޕްކޮށް ބަލިވެބޭންދި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ގއ. ގދ.، ގދ.، އައްޑޫ އަދި ފުވައްމުލައް ހިމެނޭ ސަރަހައްދުގެ ރަށެއްގައި، 18 އަހަރުން ދަށުގެ ކުއްޖަކު ބަލިވެއިން މައްސަލައެއް އެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށެވެ.

މިހާރު އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. އެހެން ނަމަވެސް އެމައްސަލައާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މިމައްސަލައާ ބެހޭ ގޮތުން ޖެންޑާ މިނިސްޓްރީން ވަކި އެއްޗެއް އަދި ހާމަކޮށްފައިނުވެ އެވެ.

ފުލުހުން މިމައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައިވާއިރު އެ ކުއްޖާގެ މަންމަ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މިމައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް ފުލުހުންގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާ ކަމަށެވެ. އަދި ޖެންޑާއަށް ވެސް މައްސަލަ ހުށަހަޅާފައި ވީ ނަމަވެސް ޖެންޑާގެ ފަރާތުންވެސް އެކަމުގައި އެހީތެރިކަން ލިބެމުން ނުދާ ކަމަށް އެޕޯސްޓްގައި އެކުއްޖާ މަންމަ ބުންޏެވެ. އަދި މި މައްސަލަ ފުލުހުންނާއި އެހެން އިދާރާތަކުން އޮއްބާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުވެސް އެ ކުޑަ ކުއްޖާގެ މަންމަ ކޮށްފައި ވެއެވެ.

އަދި އޭނާއާ މެދު އެފަދައިން އަމަލު ކުރަމުން ދަނީ ނިކަމެތި މީހަކަށް ވީމަތޯ ސުވާލު އުފައްދާފައި އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ވަރަށް ގިނަ އެވެ. އެހެންނަމަވެސް ސަރުކާރުގެ އިދާރާތަކުން މިފަދަ މައްސަލަތަކުގައި އަމަލުކުރާ ގޮތާމެދުގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.