މ. ކޮޅުފުށީގައި ކޮވިޑްގެ ބަލި ފެތުރި އިތުރު 9 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކޮޅުފުއްޓަށް ކޮވިޑްގެ ބަލި ދިޔައީ މާލެއިން އެރަށަށް ދިޔަ މީހެއްގެ ސަބަބުންނެވެ. ޗުއްޓީއަށް ރަށަށް ދިޔަ އެމީހާއާ ގިނަ ބަޔަކު ކޮންޓެކްޓް ވެފައިވާ ކަމަށް ރަށު ކައުންސިލުން ބުންޏެވެ.

ކޮޅުފުށީ ކައުންސިލް މެމްބަރަކު ވިދާޅުވީ މިއަދު ޕޮޒިޓިވްވި ހަތް މީހުންނަކީ ވެސް އެ މީހާއާ ކޮންޓެކްޓްވި މީހުން ކަމަށެވެ. އެ ހަތް މީހުންގެ ތެރޭގައި އެއް އަހަރު ނުވާ ދެ ކުޑަކުދިންނާއި އުމުރުން 65 އަހަރުން މަތީގެ މީހަކު ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗުއްޓީއަށް އެރަށަށް ދިޔަ މީހާ ހޯމް ކަރަންޓީނު ނިންމާލުމަށްފަހު ނެގި ސާމްޕަލްގެ ނަތީޖާ ވަނީ ނެގެޓިވްވެފަ އެވެ. އެހެންކަމުން އޭނާ ވަނީ ރަށުގެ އެކި ފަރާތްތަކާ ބައްދަލުކޮށްފަ އެވެ.

ނަމަވެސް ޗުއްޓީ ނިންމާލުމަށްފަހު މާލެ އައިސް ނެގި އޭނާގެ ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވި އެވެ. އެއާއެކު ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްގެންދަން ފެށި އެވެ.

މި މަހުގެ ފަސް ވަނަ ދުވަހުގެ ފަހުން ކޮޅުފުށިން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ މީހުން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް އެންގުމަށް އެޗްޕީއޭ އިން ވަނީ އެދިފަ އެވެ.

"މި މުއްދަތުގައި މ. ކޮޅުފުށިން މާލެއަށް ދަތުރުކޮށްފައިވާ މީހުން 1676 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރެއްވުން އެދެން،" އެޗްޕީއޭ އިން ބުންޏެވެ.

މި މުއްދަތުގައި ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަަމަނުވާ މީހުން، 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވެ، ކަރަންޓީނު ނިމުމަށްފަހު ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިއްބުމަށް ވަނީ އަންގާފަ އެވެ.

އަދި މި މުއްދަތުގައި ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަަމަވެފައިވާ މީހުން ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބުމަށް ވެސް ވަނީ އަންގާފަ އެވެ.