އަމިއްލަ އަބުރު ރައްކާތެރިކުރަން ޖެހޭނީ އަމިއްލައަށް ކަމަށާއި، "އިހުތިރާމު އިތުރުކުރުމުގެ ގައުމީ މަޝްރޫއެއް" ގެ ނަމުގައި ސަރުކާރުން ހިންގާ ހަރަކާތްތަކާއެކު މި ސަރުކާރު މިހާރު ވެފައި ވަނީ ކާޓޫނަކަށް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އަބުރު ރައްކާތެރިކުރުމާއި އިހުތިރާމު ދިނުމުގެ ނަމުގައި ސަރުކާރުން ދައްކަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާ ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ ކަންކަން ފޮރުވުމަށް އެތައް ހުއްޖަތެއް ދައްކައިގެން ބޮޑެތި ޖަލްސާތައް ބޭއްވިޔަސް، އެއީ ރައްޔިތުން ގަބޫލުކުރާނެ ކަންކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދާދި ފަހުން އެމަނިކުފާނު ނެރުއްވި ކުރު ވާހަކައެއްގައި އޮންނަ ގައުމީ މަޝްރޫއެއްގެ ވާހަކައާ ސަރުކާރުގެ ސިޔާސަތު އެއްގޮތްވެފައިވާ މިންވަރަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވީ، އެ ވާހަކަ ނެރުއްވި ފަހުން އިހުތިރާމު އިތުރުކުރުމުގެ ގައުމީ މަޝްރޫއެއް އެކުލަވާލުމުގެ ވާހަކަ ފެންނަން ފަށާފައިވާ ކަމަށާއި، މިއީ ހަގީގަތް އޮޅުވާލުމަށް ކުރާ ކަންކަން ކަމަށެވެ.

"ދާދި ފަހުން އަޅުގަނޑު ނެރުނީ ކުރު ވާހަކައެއް. އޭގައި އޮންނާނެ ގައުމީ މަޝްރޫއެއްގެ ވާހަކަ. އަޅުގަނޑު ނެރުނު ފަހުން އަޅުގަނޑަށް މި އަންނަނީ ކާޑެއް، އިހުތިރާމު އިތުރުކުރުމުގެ ގައުމީ މަޝްރޫއެއް އެކުލަވާލުމުގެ ވާހަކަ. އަޅުގަނޑު ދަންނަވާނީ މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ [ކަމެއް]،" އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، ދާދި ފަހުން އާންމުވި "އައިޝާ" ޑޮކިއުމެންޓްރީއަށް ނުސީދާކޮށް އިޝާރާތްކުރައްވައި، އެމަނިކުފާނުގެ ވެރިކަމުގައި ރައީސް އޮފީހުގައި އެފަދަ ވާހަކަތަކެއް ނުދެކެވޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ފާޑުވިދާޅުވަމުން ނަޝީދު ތުހުމަތުކުރެއްވި ގޮތުގައި، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ އަމިއްލަ ބާރުގައި ރައްޔިތުންގެ ތާއީދާއެކު ނޫނެވެ. އޭގެ ބަދަލުގައި ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހުސް ގޮނޑި ދައްކަވައިގެން ކަމަށާއި، ނަމަވެސް ވެރިކަން ލިބިވަޑައިގަތުމުން ރައީސް ޔާމީން އެއްކައިރިކުރައްވައި، ކެބިނެޓުން ވެސް ތަޖުރިބާކާރު ބޭފުޅުން ވަކިކުރައްވާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.