ގާކޮއްޓާއި އަރަބިއްޔާ ހުރި ތަނުގައި ފެންވަރު ދަށްކޮށް ފްލެޓްތަކެއް ހަދައި، ބޮޑު އަގުގައި ސަރުކާރަށް ވިއްކި އިންޑިއާގެ ކުންފުނިން އެހެން ނަމެއްގައި ހުޅުމާލޭގައި 120 ފްލެޓް އަޅަން ފަށައިފި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި "ވަން ސެންޓްރަލް" ޕާކުގެ ނަމުގައި ހުޅުމާލޭގެ ފޭސްއެކެއްގައި ސަންޑަލް މޮރިޝަސް ކިޔާ ކުންފުންޏަކުން ހަދާ ފްލެޓްތަކަކީ މާލޭގައި ހިންގި ޕްރޮޖެކްޓްގެ ދެވަނަ ފިޔަވައްސެވެ. އެ ޕްރޮޖެކްޓްގެ ދަށުން ހަދާ ތިން ކޮޓަރީގެ ފްލެޓެއް ވިއްކަނީ 2.2 މިލިއަން ރުފިޔާ އަށެވެ.

މޮރިޝަސްގައި ރަޖިސްޓްރީކޮށްފައިވާ ސަންޑަލް މޮރިޝަސް ކިޔާ ކުންފުންޏަކީ ހުޅުމާލޭގެ ފްލެޓް ހެދުމަށް އިންޑިއާގެ އެސޯޓެކް ރިއަލީޓިން ހެދި ޖޮއިންޓްވެންޗާ އެކެވެ.

ސަންޑަލް މޮރިޝަސް ކިޔާ ކުންފުނިން ހުޅުމާލޭގައި "ވަން ސެންޓްރަލް ޕާކް"ގެ ނަމުގައި ފްލެޓް އަޅާތަން ބަންދުކޮށްފައި. ފޮޓޯ | ހުރިހާ

އެމްޑީޕީގެ ވެރިކަމުގައި 2011 ގައި މާލޭގައި ގާކޮއްޓާއި އަރަބިއްޔާ ހުރި ތަނުގައި ފްލެޓްތައް ހެދީ އެސޯޓެކްއިން އެ ޕްރޮޖެކްޓަށް އުފެއްދި އެސްޖީ 18 ޑިވެލޮޕާސް ކުންފުންޏަކުން އިންޑިއާގެ ޓާޓާ ހައުސިންއާ ގުޅިގެންނެވެ. އެ ޕްރޮޖެކްޓްގެ ދަށުން ހަތަރު ބިމެއް އެ ކުންފުންޏަށް ދޭން ސަރުކާރުން އެއްބަސްވި އެވެ. އޭގެ ތެރޭގައި މާފަންނު އޯޑިއޯން ހިންގި ބިމާއި ކުރީގެ ނާދީ ހުރި ތަން ވެސް ހިމެނެ އެވެ.

ސޯޝަލް ހައުސިންގެ ނަމުގައި ހެދި އެ ފްލެޓްތަކުގެ ބިއްލޫރިތައް ތެޅި، ފެންލީކުންވުމުން ފަދަ އެތައް މައްސަލައެއް ދިމާވެ، އިމާރާތުގެ ފެންވަރު ދަށްވުމުގެ ޝަކުވާ އެތަނުގައި ދިރިއުޅޭ މީހުން ގެންދަނީ ކުރަމުންނެވެ.

މި ސަރުކާރުން އަނެއްކާ ވެސް އެސޯޓެކްއަށް ފްލެޓް އަޅަން ބިން ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު 8 ވަނަ ދުވަހު އެވެ. އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީ އާއި އެޗްޑީސީން ވެސް ސޮއިކޮށްފައިވެ އެވެ.

ސެންޓްރަލް ޕާކުގެ އުތުރުން އޮންނަ ރީތިގަސްމަގު ރެއިން ކްރެސްޓް އެޕާޓްމަންޓްސްއާ ޖެހިގެން އޮންނަ ކޮށިން އެސޯޓެކް ކުންފުންޏަށް ބިން ވިއްކީ ކޮން އަގެއް ކަމެއް އެޗްޑީސީން ނުބުނެ އެވެ.