ދުބާއީ (27 ޖެނުއަރީ) - ދުބާއީގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިންތިހާއަށް އިތުރުވާން ފެށުމުން ހެލްތު އޮތޯރިޓީގެ ޗީފް ބަދަލުކޮށްފި އެވެ.

ދުބާއީގެ މީޑިއާ އޮފީހުގެ އޮފިޝަލެއް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެކުވެރި އަރަބި ދައުލަތުގެ ނައިބު ރައީސް އަދި ދުބާއީގެ އަމީރު ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމް ވަނީ ދުބާއީގެ ހެލްތު އޮތޯރިޓީގެ ޑައިރެކްޓާ ޖެނެރަލަކަށް ކުރިން ހުންނެވި ހުމައިދު އަލް ގުތާމީ އެ މަގާމުން ވަކިކުރައްވައި، އަސްވަދު ސަގިރު އަލް ކެތްބި އެ މަގާމަށް އަށްޔަން ކުރައްވާފައިވާ ކަމަށެވެ. އަދި ޑެޕިއުޓީ ޑައިރެކްޓަ ޖެނެރަލްއަކަށް ޑރ. އަލާވީ އަލް ޝެއިޚް ހަމަޖައްސަވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ކުރިން އެ މަގާމުގައި ހުންނެވި ހުމައިދު އަލް ގުތާމީ އެމަގާމުން ވަކިކުރެއްވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

ހެލްތު އޮތޯރިޓީގެ ޗީފް ބަދަލުކުރެވުމަށް ނިންމެވީ ކޮވިޑްގެ ކޭސްތައް ދުވަސްކޮޅަކަށް މަދުވުމަށްފަހު، އަލުން އަނެއްކާ ވެސް އިތުރުވަމުންދާ ދުވަސްވަރެއްގަ އެވެ.

ޔޫއޭއީ އިން ބުނިގޮތުގައި މިދިޔަ މަހު ކޮވިޑް ކޭސްތައް ވަނީ ތިންގުނަ އިތުރުވެފަ އެވެ. ހޯމަ ދުވަހު ނެރުނު ޑޭޓާތަކަށް ބަލާއިރު ޔޫއޭއީ އިން ވަނީ 3،591 ޕޮޒިޓިވް ކޭސް އަދި ހަ މީހުން ކޮވިޑް ޖެހިގެން މަރުވެފަ އެވެ.

ޔޫއޭއީ އިން ވަނީ ކޮވިޑާ ގުޅިގެން އެ ގައުމުގައި އަޅާފައިވާ މާސްކް އެޅުމާއި އަދި އިޖްތިމާއީ ގައިދުރުކަން ފިޔަވައި އެހެނިހެން ފިޔަވަޅުތަކަށް ލުޔެއް ދީފަ އެވެ. މިކަމާ ގުޅިގެން ދުބާއީއަށް ދަތުރުކުރި ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ނަމަވެސް ކޮވިޑް ކޭސްތައް އިތުރުވަމުން ދިއުމާއެކު ދުބާއީގައި ވެސް ވަނީ އަލުން ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އޭގެ ތެރޭގައި މުނިފޫހިފިލުވުމަށް ބާއްވާ ހަރަކާތްތައް މަނާކުރުމާއި، އަދި އެއްފަހަރާ ސޯސަލް އިވެންޓެއްގައި ބައިވެރިވެވޭނެ މީހުންގެ އަދަދު މަދުކޮށްފަ އެވެ.

ޔޫއޭއީ އިން ވަނީ އެގައުމުގެ ރައްޔިތުންގެ ތެރެއިން 50 ޕަސެންޓް މީހުންނަށް މާޗް މަސް ނިމުމުގެ ކުރިން ވެކްސިން ދިނުމުގެ ބޮޑު ކެމްޕެއިނެއް ފަށާފަ އެވެ. – އަލް އަރަބިއާ