ހދ. މަކުނުދޫގައި މިއަދު ހަވީރު އެއްޗެއް ގޮވާ ދެ މީހަކު މަރުވި ހާދިސާ ތަހުގީގު ކުރުމަށް ފުލުހުންގެ ފޮރެންސިކް ޓީމެއް އެރަށަށް ހިނގައްޖެ އެވެ.
މަކުނުދޫ މަސް މާރުކޭޓު ކައިރީގައި ހުރި ގޭސް ސިލިންޑަރެއް ގޮވައި މަރުވެފައި ވަނީ އެރަށު އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތުގައި އުޅުނު ބިދޭސީ ދެ މުވައްޒަފަކެވެ. ކާކުކަން ނޭނގޭ ވަރަށް އެމީހުންގެ ހަށިގަނޑު ވަނީ ކުދިކުދި ވެފަ އެވެ.
ފުލުހުން ބުނީ މަކުނުދޫ މަސް މާރުކޭޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެއް ގޮވައި ހިނގި ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ކުރަން ޖެހޭ ތަހުގީގުތައް ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ފޮރެންސިކް ޓީމު މިހާރު ވަނީ މަކުނުދޫއަށް ގޮސް އެހާދިސާގެ ތަހުގީގު ފަށާފަ އެވެ.
މަގުނުދޫގައި ގޭސް ސިލިންޑަރެއް ގޮވާ ދެ މީހަކު މަރުވެފައިވާ އިރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހދ. ކުޅުދުއްފުށީ އެއާޕޯޓުގައިވެސް ގޭސް ފުޅިއެއް ގޮވާފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުޅުދުއްފުށި އެއާޕޯޓުގައި އެއްޗެއްގޮވީ ފަޔާ އެންޑް ރެސްކިއުގެ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެކެވެ. ސިލިންޑަރު ގޮވާފައިވަނީ އޭތި ރީފިލް ކުރަން އުޅުމުގެ ތެރޭގަ އެވެ.