މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންގެ ތެރެއިން ރަށަށް ބަދަލުވާން ބޭނުންވާ 500 އާއިލާއަކަށް ހަރަދުތައް ހަމަޖައްސަން އަހަރަކު 26.7 މިލިއަން ރުފިޔާ ހަރަދުވާނެ ޖެންޑާ މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީގެ ޑިރެކްޓަ އޮފް ކޮމިއުނިކޭޝަން އިބްރާހިމް މުހައްމަދު ޕީއެސްއެމްއަށް ވިދާޅުވީ ރަށްރަށަށް ބަދަލުވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ޚާއްސަ އިނާޔަތެއް ދޭނެ ކަމަށެވެ. މިގޮތުން ބަދަލުވާ އާއިލާތަނަށް ބޭނުންވާ ފަރުނީޗަރުތައް ހޯދުމަށާއި ގެދޮރު މަރާމާތުކުރަން 20،000 ރުފިޔާއަށް ވުރެ ބޮޑު ނޫން ލޯނެއް ވެސް ދޭން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީން އެ ލޯނު ހަމަޖައްސައިދެނީ ތިން އަހަރު ތެރޭ ދައްކާގޮތަށް އެއް އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު އެވެ. އަދި ތިން އަހަރު ފަހުން ދައްކާނަމަ އިތުރު ތިން މަސްދުވަހަށް ފަސް ޕަސެންޓް އިންޓްރެސްޓެއް ނަގާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

"ރަށަށް ބަދަލުވާ މުއްދަތުގެ ތެރޭގައި އަދި ދިރިއުޅުމުގެ ކަންތައްތައް ހަމަޖެއްސުމަށްޓަކައި ހަ މަސްދުވަހުގެ މުއްދަތަށް ކޮންމެ އާއިލާއަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް ހަމަޖެހިފައިވޭ،" އިބްރާހިމް ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވީ އެ ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތައް ޝަރުތު ހަމަވޭތޯ ކަނޑައަޅަނީ އެކި މިނިސްޓްރީތައް ހިމެނޭ ގޮތަށް އެކުލަވާލާ ޚާއްސަ ކޮމިޓީއަކުން ކަމަށެވެ. އަދި އެކޮމިޓީގެ ފަރާތުން ދިރިއުޅުމުގެ ޙާލާތާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް ހިމަނާ އެސެސްމަންޓެއް ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން އާއިލާގެ މެމްބަރުން އަދަދާއި ދިރިއުޅޭ ތަނުގެ ހާލަތުގެ މައްޗަށް ރިއާއަތް ކުރާނެ ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.

"އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމްގެ ތެރެއިން އެއްވެސް އިނާޔަތެއް ލިބޭތޯ ބަލާނެ. އާއިލާގައި ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ މަޢުލޫމާތު ހިމަނާނެ. ތަޢުލީމް ހާސިލް ކުރާ މީހުން ތިބި ތޯއާއި ތަޢުލީމީ ފެންވަރު ބަލާނެ،" އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން އަސާސީ ޚިދުމަތްތައް ކަނޑައެޅޭ ރޭޓަކުން ފޮރުކޮށްދިނުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އަދި މާލޭގައި ސިވިލްސާވިސްގައި ވަޒީފާ އަދާކުރާ މީހުންނަށް އެ ރަށަކުން ސިވިލްސާވިސްގެ ވަޒީފާ ހޯދައިދިނުމުގައި އެހީތެރިވާނެ ކަމަށް ވެސް އިބްރާޙިމް ވިދާޅުވި އެވެ.