ހދ. މަކުނުދޫ ބަނދަރު ސަރަހައްދުގައި ގޭސް ސިލެންޑަރެއް ގޮވައި މަރުވި ދެ ބިދޭސީ މީހުންގެ ހަށިގަނޑު ތަހުލީލުކުރުމަށް މާލެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ ހަށިގަނޑުގެ ބައިތައް އެއްކޮށް، އިތުރު ތަހުލީލުތައް ކުރުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމީހުންގެ ހަށިގަނޑާމެދު ދެން އަމަލު ކުރާނެ ގޮތެއް ނިންމާނީ ކުރަން ޖެހޭ ތަހުލީލުތަކަށް ފަހު ކަމަށް ފުލުހުން ބުންޏެވެ.

އިއްޔެ ހަވީރު މަކުނުދޫގައި ހިނގި ހާދިސާގައި މަރުވީ މަކުނުދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާ ބިގް ފިޝް ކުންފުނީގެ ދެ ބިދޭސީ ފިރިހެނުންނެވެ.

އެ ދެމީހުންނަކީ ވެސް އަވަށްޓެރި އިންޑިއާގެ ދެ ރައްޔިތުން ކަމަށްވާ މުހައްމަދު ރާޖާ އަންސާރީ, 27, އަދި ސުދީރާ ސެތީ, 25, އެވެ.

މި ހާދިސާގައި މަރުވި ދެ މީހުންގެ ހަށިގަނޑު ވަނީ ކުދިކުދި ވެފަ އެވެ. ހަށިގަނޑުގެ ގުނަވަންތައްވެސް ވަކިވެ، އެ ސަރަހައްދުން ފެނިފައިވާއިރު، ދެ މީހުންވެސް އޮތީ ކާކުކަން ވަކި ނުވާހާ ވަރުވެފަ އެވެ.