ސަރުކަރު ބައެއް ކުންފުނިތަކުން ލިޔެކިޔުންތައް ނައްތަލަމުންދާތީ އެކަން ހުއްޓުވައިދޭން ފުލުހުންނާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އެދިއްޖެ އެވެ.

އޭސީސީއިން މިގޮތަށް އެދިފައިވަނީ ފިއުލް ސަޕްލައި މޯލްޑިވްސްގެ ލިޔެކިޔުންތަކެއް ކޮންކްރިޓް މެޝިނެއްގައި ނައްތާލަމުންދާ ވީޑިއޯއެއް އަންމުވެފައިވާތީ އެވެ.

އޭސީސީން މިއަދު ބުނިގޮތުގައި ސަރުކަރު ބައެއް ކުންފުނިތަކުގެ ލިޔެކިޔުންތައް ނައްތާލަމުންދާކަމުގެ މައުލޫމާތު އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ. ސަރުކަރު ކުންފުނިތަކުގެ ލިޔުންތަކާއި ދައުލަތުގެ ލިޔެކިޔުންތައް ނައްތާލުމަކީ އެ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް ހުރަސް އެޅުން ކަމަށް ވެސް އޭސީސީން ބުނެ އެވެ.

މީގެ އިތުރުން ބުނެފައި ވަނީ ދައުލަތުގެ ލިޔެކިޔުމަށް ބަދަލު ގެނައުމާއި ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ ގާނޫނީ ކުށެއް ކަމަށާއި އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވެސް އޭސީސީން ބުނެ އެވެ. އަދި މިފަދަ ކަންކަން ހުއްޓުވައިދިނުމަށް ޕީސީބީގައި އެދިފައިވާނެ ކަމަށް ވެސް އޭސީސީން ބުނެ އެވެ.

އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ތިލަފުށީގައި ނައްތާލަމުން ދިޔަ މަންޒަރު ވީޑިއޯކޮށް، އާންމުކުރި އެ ކުންފުނީގެ މުވައްޒަފު ވަނީ ވަޒީފާ އިން ސަސްޕެންޑް ކޮށްފަ އެވެ.

އެފްއެސްއެމްގެ މީޓަރު ޓެކްނީޝަން އަހުމަދު އަނީސް ބުނީ އެ މަންޒަރުތައް އޭނާ ވީޑިއޯ ކުރީ އެއީ އެ ކުންފުނިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތަކެއް ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

އެ ލިޔެކިޔުންތައް ނައްތާލީ އޮންނަ އުސޫލާ ހިލާފަށް ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުވުމާ އެކު، އޮފީހުގެ އެޗްއާރު ޑިޕާޓްމެންޓުން އަނީސް އަށް ގުޅައި ހާޒިރުކޮށް، ގޭގައި މަޑުކުރަން އެންގި ކަމަށް އޭނާ ބުންޏެވެ.