އއ. އުކުޅަހުގައި ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ފަރާތުން އަޅާ ސިޓީ ހޮޓާ 2025 ވަނަ އަހަރުގެ އޭޕްރީލްގައި ނިންމަން އަމާޒު ހިފައިފި އެވެ.

ކާނި ހޮޓެލްސް އެންޑް ޓުއާސްގެ ސީއީއޯ އަދި ނެޝަނަލް ހޮޓެލް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު (ކާނި އަބްދުﷲ) "ހުރިހާ" އަށް މިރޭ ވިދާޅުވީ އުކުޅަހުގައި އަޅާ 250 އެނދުގެ ސިޓީ ހޮޓާގެ މަސައްކަތް ވަރަށް ހަލުވިކަމާ އެކުގައި ކުރިއަށްދާ ކަމަށެވެ.

އެގޮތުން މިހާތަނަށް އައިއިރު، ތިން ވަނަ ޝީޓް، ނުވަތަ ފައުންޑޭޝަން އަޅައި ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ހޮޓަލްގައި 137 ކޮޓަރި ހުންނާނެ ކަމަށް އަބްދުﷲ ވިދާޅުވި އެވެ.

"މިހާރު މަސައްކަތް މި ކުރަނީ 2025 ގެ އޭޕްރީލް މަހުގައި މި ޕްރޮޖެކްޓް ނިންމާލުމަށް. މިއީ އުކުޅަސް ރައްޔިތުންނަށާއި މުޅި ޓޫރިޒަމް އިންޑަސްޓްރީ އަށް ވެސް ފައިދާ ވާނެ ޕްރޮޖެކްޓެއް،" އޭނާ ވިދާޅުވި އެވެ.

އުކުޅަހުގައި ކާނި ހޮޓެލްސް އިން ސިޓީ ހޮޓާ އެޅުމަށް ނިންމައި، އެ ރަށު ކައުންސިލާ އެކުގައި އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ނޮވެމްބަރު މަހުގެ 22 ގައެވެ. ކާނިގެ ފަރާތުން އެއްބަސްވުމެއްގައި ސޮއިކުރެއްވީ އަބްދުﷲ އެވެ. އަދި އުކުޅަސް ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމެވެ.

ދިހަ ބުރީގެ މި ސިޓީ ހޮޓާ އެޅުމަށް އުކުޅަސް ބީޗް ފްރަންޓުން 7،808 އަކަ ފޫޓުގެ ބިމެއް ކާނި އަށް ދީފައިވެ އެވެ. މި މަޝްރޫއު ނިންމުމަށް އެއްބަސްވުމުގައި ކަނޑައަޅާފައި ވަނީ ދެ އަހަރު ދުވަހުގެ ތެރޭގަ އެވެ.

އުކުޅަހަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ފުޅާވެފައި އޮތް އެއް ރަށެވެ. އުކުޅަހުގައި މިހާރު ވެސް 33 ގެސްޓްހައުސް ހުންނަ އިރު، އެއީ 680 އެނދެވެ.

ނެޝަނަލް ހޮޓެލް އެންޑް ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް ކަން ވެސް ކުރައްވާ އަބްދުﷲ އަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ލޯކަލް ޓޫރިޒަމް ހިންގެވުމުގެ ފާހަގަކޮށްލެވޭ ވިޔަފާރިވެރިއެކެވެ.

2008 ވަނަ އަހަރު ލޯކަލް ޓޫރިޒަމް ތައާރަފް ކުރެއްވުމަށް އަނބިކަނބަލުން އަދި ކާނި ހޮޓެލްސްގެ ސީއޯއޯ އައިމިނަތު އާސިމާ ސަލީމް އާ އެކުގައި ކުންފުންޏެއް ހައްދަވައި، ގެސްޓްހައުސް ޕްރޮޑަކްޓެއް ގޮތުގައި ކ. މާފުށީގައި ޕްރޮމޯޓްކޮށް ތަރައްގީ ކުރެއްވުމުގައި އެންމެ އިސްކޮށް އުޅުއްވީ ވެސް އަބްދުﷲ އެވެ. މާފުށީގައި ކާނި ހޮޓެލްސް އިން މިހާރު ފަސް ގެސްޓް ހައުސްއެއް ހިންގަ އެވެ.

ފަސް ގެސްޓްހައުސްގެ ތެރެއިން "ކާނި ޕާމް ބީޗު" ގައި 256 އެނދު، "ކާނި ގްރޭންޑް ސީވިއު" ގައި 130 އެނދު، "ކާނި ވިލެޖް" ގައި 46 އެނދު، "ކާނި ބީޗު" ގައި 38 އެނދު، "ކާނި ލޮޖް" ގައި 24 އެނދު ހުރެ އެވެ. ކާނި ހޮޓެލްސްގައި 195 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ.