ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރައްޔިތުންނަށް ވިސްނައި ދޭން އުޅެނީ ދިވެހިންނަށް ހައްގުވަނީ ކައިރި ބަނދަރުތަކުން ފެރީ ކުރުމާއި ސަލާން ޖެހުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ވިޔަފާރީގެ 60 އިންސައްތަ ޕެޓްރޯލިއަމް އަދި އެނާޖީގެ 80 އިންސައްތަ ދަތުރު ކުރަނީ ރާއްޖެ ތެރެއިން ދިވެހިންގެ އަމިއްލަ ކަނޑުއަޮޅިތަކުން ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ހއ. އަތޮޅާއި ލ. އަތޮޅު، ހުވަދޫ އަދި އައްޑޫ ހިމެނޭ ގޮތަށެވެ.
"ވިސްނައިދޭން މަސައްކަތް ކުރަނީ ދިވެހިންނަށް ހައްގުވަނީ ކައިރި ބަނދަރުތަކުން ފެރީ ކުރުމާއި ސަލާން ޖެހުން ކަމަށް،" ރައްޔިތުންގެ މަޖިލިހުގެ މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު ކަން ވެސް ކުރެއްވި ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި 2013 އިން 2018 އަށް ރާއްޖޭގެ ވިޔަފާރީގެ މިނިވަންކަން ގެއްލޭނެ ހުރިހާ ކަމަކަށް މަގުފަހިކޮށްދީ ވެރިކަމަށް އައިސް ދިވެހިންނަށް ހައްގުވާ މިންވަރަކީ ކުޑަ ނާޅިން މިނައި ސަލާން ޖެހުމާއި އަވަށްޓެރިން އަތުން ފެރީ ކުރުން ކަމުގައި ހަދާފައިވާ ކަމަށެވެ.
ސައީދު އެގޮތަށް ވިދާޅުވި އިރު، އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް މިމަހު ފަހުކޮޅު ފަށަން ވަނީ ހަމަޖައްސައިފައެވެ. ރާއްޖެއާއި އިންޑިއާ އާ ދެމެދު ފެރީގެ ހިދުމަތް ފެށުމަށް މަޝްވަރާތައް ފަށާފައި ވަނީ މިދިޔަ އަހަރެވެ.
ކާގޯ ފެރީގެ ހިދުމަތާއެކު ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ސަރުކާރުން އުންމީދު ކުރާ އިރު މި ދަނޑިވަޅުގައި އިންޑިއާގެ ނުފޫޒު ރާއްޖެއަށް އޮތް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕެއިނެއް ކުރިއަށް ގެންދަމުންނެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ.