މިސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އުޅެނީ އެއިން ވައްކަންކުރަން ކަމަށާއި ކެމްޕެއިން ތެރޭގައި މިސަރުކާރަށް ވޯޓު ދިން މީހުންނަށް ބަހަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.
ޑިމޮކްރެޓްސް ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި އިލްޔާސް ވިދާޅުވީ މިސަރުކާރު ނިމިގެންދާއިރު ދައުލަތުގެ ޖުމްލަ ދަރަނި 113 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި މިސަރުކާރު އައިއިރު ދަރަނި އޮތީ 48 ބިލިއަންގައި ކަމަށް އިލްޔާސް ވިދާޅުވި އެވެ.
މިއަދު އަނެއްކާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މަޖިލީހަށް ފޮނުވަފައިވާ އިރު އެއްވެސް ރައްޔިތެއްގެ އަމްދަނީ އިތުރުވެގެން ނުދާ ކަމަށެވެ. މިސަރުކާރު ނިމިގެން ދާއިރު 120 ބިލިއަން ރުފިޔާއަށް ރާއްޖޭގެ ދަރަނި ބޮޑުވެގެން ދާކަމަށް އިލްޔާސް ވިދާޅުވި އެވެ.
"ބަޖެޓަށް އިތުރު 6.5 ބިލިއަން ރުފިޔާ އިތުރު މިކުރަނީ ކީއްކުރަންތޯ؟ ވިދާޅުވީ ތެލާ އަސަންދަ އާ މިކަންކަން ހަރަދު ބޮޑުވީމަޔޭ. ތެލަށް އިތުރަށް ހަރަދުކުރަން ޖެހިފައި މިއޮތީ 1.3 ބިލިއަން ރުފިޔާ. އާސަންދަޔާ އެންސްޕާއަށް 1.2 ބިލިއަން ރުފިޔާ. އިތުރަށް ބޭނުންވާ ކަމަށް ބުނެފަ އޮތީ އާސަންދަ އާއި އެންސްޕާއިން. ކީއްތޯ ކުރީ މިދިޔަ އިންތިހާބަށް؟ މިސަރުކާރަށް ވޯޓު ދޭން މީހުން ލައްވާ ވައުދުވެ އެމީހުންނަށް ޗުއްޓީ ހެދުމަށް އާސަންދަ ނަމުގައި އެންސްޕާ ނަމުގަ ދިޔައީ ލާރި ބަހަމުން. އެކަމަށް މި ފައިސާ ހޯދަނީ،" އިލްޔާސް ވިދާޅުވި އެވެ.
މާލިއްޔަތު ގާނޫނަށް އިސްލާހުގެނެސްގެންވެސް ސަރުކާރުން ގެންދިޔައީ ވައްކަމާ ކޮރަޕްޝަން ހިންގަމުން ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލިއްޔަތު ގާނޫނަށް އިސްލާހުގެނައީ ރައީސުލްޖުމްހޫރިއްޔާ ނަގާ ކޮމެޓީއަކުން ބަދަލު ދޭން ކަމަށެވެ. ސަރުކަރުން ބޭނުންވާ ބަޔަކަށް ޕްރޮޖެކްޓް ދިނުމަށް ފަހު އެޕްރޮޖެކްޓެއް އަތުލާ އަނެއްކާ އެމީހުންނަށް ބަދަލުގެ ގޮތުގައި ފައިސާ ބަހަމުން ގެންދާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
"ރިސޯޓެއް ދެނީ. ދީފަ އެ ރަށް ސަރުކަރުން އަތުލަނީ އަތުލާފައި. އެމީހަކަށް އަނެއްކާ އެހެން ތަނަކުން ފަޅުރަށަކާއި އޭގެ ބަދަލުގައި 30 މިލިއަން ރުފިޔާއާ ދެނީ. މީ ހަމަ ސީދާ ވައްކަން. ތިބޭފުޅުންގެ ފައިސާއަށް އަތް ކޮށްޕާފައި ބަހަނީ. މިއީ ސަޕްލިމެންޓްރީ ބަޖެޓެއްގެ ގޮތުގަ މަޖިލީހަށް ފޮނުވައިގެން ކުރަން އުޅޭ ކަމަކީ،" އިލްޔާސް ވިދާޅުވި އެވެ.
200 މިލިއަން ރުފިޔާ ލޯނު ދިނުމަށް ހިމަނާފައިވާ ކަމަށާއި އެފައިސާ އަކީ ވެސް ކެމްޕެއިން ތެރޭގައި އެކި މީހުންނަށް ނުދެވި ހުރި ފައިސާ ދިނުމަށް ހޯދާ ބަޖެޓެއް ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ. އަދި ލޯނު ދޫކުރުމަށް މިއަހަރުގެ ބަޖެޓުގައި ވެސް ހިމަނާފައިވާނެ ކަމަށާއި އެހެން ނަމަވެސް އެއިން އެޑްވާންސްކޮށް ފައިސާ ނަގާ ކެމްޕެއިނަށް ހަރަދުކޮށްފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
ކުރީގެ ކުރިވައްކަން މިހާރު ނުކުރެވޭތީ މިފެލޭފެލުން މިފެލެނީ