ސުޝާންތު ސިންހް ރާޖްޕުޓްއާއި އަންކިތާ ލޯކަންޑޭއަކީ އެއް އިރެއްގައި އިންޑިއާގެ މުނިފޫހި ފިލުވުމުގެ ދާއިރާގައި އެންމެ ނަން ހިނގި އެއް ޖޯޑެވެ. އެ ދެމީހުން ވަކިވި ސަބަބެއް މިއަދާ ހަމައަށް ވެސް އޮތީ އާއްމުންނަށް ނޭނގި އެވެ.

މިހާރު ކުރިއަށްދާ ބިގްބޮސް 17ގައި ބައިވެރިވެފައިވާ އަންކިތާ މިވަނީ ބިގްބޮސްގެ ތެރެއިން އޭނާއާއި ސުޝާންތުގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

އިންޓަނެޓުގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި އަންކިތާއާއި ޝޯގެ އެހެން ބައިވެރިއެއް ކަމުގައިވާ މުނައްވަރު ފާރޫގީ ވަނީ އެ މީހުންގެ ހަޔާތުގައި ކުރިމަތިވި ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

އެގޮތުން އަންކިތާ ވަނީ ވަޒީފާ ހޯދަން މުމްބާއީއަށް އައިސް ދުވާލަކު 2000 ރުޕީސްއަށް "ޕަވިތްރާ ރިޝްތާ"ގައި މަސައްކަތްކުރި ހަނދާން އާކޮށްފަ އެވެ.

އެޝޯގައި އަންކިތާއާއެކު މަސައްކަތްކުުރި ސުޝާންތުއާއެކު އޮތް ލޯބީގެ ގުޅުން ނިމުމަކަށް އައީ ކީއްވެގެންތޯ މުނައްވަރު ސުވާލު ކުރުމުން އަންކިތާ ބުނީ ވަކި ސަބަބެއް ނެތް ކަމަށާއި އޭނާގެ ހަޔާތް އެފުށް މިފުށަށް ޖެހުނީ އެންމެ ރެއަކުން ކަމަށެވެ.

2020 ވަނަ އަހަރު ސުޝާންތު ދަންޖެހިގެން މަރުވިއިރު ވެސް އަންކިތާ ވަނީ ވަރަށް ގާތުން ސުޝާންތުގެ މަރުގެ ކަންކަމުގައި ބައިވެރިވެފަ އެވެ. އޭގެ ފަހުން ވިކީ ޖެއިންއާ އަންކިތާ ކައިވެނި ކޮށްފައިވާއިރު ބިގްބޮސްއަށް އޭނާ ވަނީ ފިރިމާހާއާއެކުގަ އެވެ.

އަންކިތާގެ މި ވާހަކަތަކާއެކު ބައެއް ސަޕޯޓަރުން އޭނާއަށް ހަމްދަރުދީ ފާޅުކުރަމުން އަންނައިރު ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އަންކިތާ އަންނަނީ ބިގްބޮސްގައި ކާމިޔާބު ހޯދަން ސުޝާންތުގެ ނަން ބޭނުން ކުރަމުންނެވެ.