މާލޭގެ ހުކުރު މިސްކިތް ވަށައިގެން ބަފަ ޒޯނެއްގެ ގޮތަށް ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ހެރިޓޭޖް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ.

މާލޭ ހުކުރު މިސްކިތް ވަށައިގެން ބަފަ ޒޯނެއްގެ ގޮތުގައި، ކަލްޗަރަލް ޒޯނެއް ކަނޑައެޅި، އެ ކަމުގެ ގަވާއިދުތަކާއި އުސޫލުތައް ހިމެނުމަކީ ޔުނެސްކޯ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި އެ މިސްކިތް ހިމެނުމަށް ކުރަންޖެހޭ މުހިންމު ކަމެއްކަން މި ކަރުދާހުގައި ފާހަގަކޮށްފައިވެ އެވެ. މިފަދަ ކަލްޗަރަލް ޒޯނެއް ތަރައްޤީކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހުކުރު މިސްކިތަށް ރައްކާތެރިކަން ހޯދައިދިނުން، އަދި މާލޭ ހުކުރު މިސްކިތް، ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމުގެ ފުރުޞަތު ބޮޑުކުރުމާއި، އެ ސަރަޙައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހައިން މަޢުލޫމާތު ލިބި ފަތުރުވެރިކަމުގެ އާ ދޮރުތަކެއް މިކަމުގެ ސަބަބުން ހުޅުވި، ޢިޤްތިޞާދަށް ވެސް ހެޔޮބަދަލުތަކެއް އައުމަށް މަގުފަހިކުރުން ހިމެނެ އެވެ.

ރައީސް މިއަދު ކަނޑައެޅުއްވި ކަލްޗަރަލް ޒޯންގެ އިމުގެ ތެރޭގައި މިހާރު ފެންނަންހުރި މާލޭގެ މުސްކުޅި އެކި ބިނާތައް ހިމެނެ އެވެ. އެގޮތުން އެ ޒޯން ކަނޑައަޅުއްވާފައި ވަނީ މާލޭ ހުކުރު މިސްކިތް، މެދުޒިޔާރަތް، މުލީއާގެ، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، އުސްގެކޮޅު، ކަޅުވަކަރު މިސްކިތް، ބަންޑާރަ ކޮށި، އިހުގެ ނާދީ އިމާރާތް އަދި ދާރުލް ޢުލޫމްގެ އިތުރުން ޖުމްހޫރީ މައިދާން ވެސް ހިމެނޭ ގޮތަށެވެ.

މާލޭގެ ދުވަސްވީ ތަރީހާއި އާސާރީ ބިނާތަކަށް ހިމާޔަތް ލިބޭގޮތަށް މި ސަރަޙައްދުގައި ކަލްޗަރަލް ޒޯނެއް ކަނޑައެޅުމަކީ މުހިންމު ކަމެއްކަން ފާހަގަކޮށް، މިފަދަ ކަލްޗަރަލް ޒޯނެއް ތަޢާރަފްކުރާއިރު މި ޒޯނުގެ ކަންކަން ހިނގާނެ ޤަވާޢިދާއި އުސޫލެއް އޮންނާނެކަން ވަޒީރުންގެ މަޖުލީހަށް މިކަމާ ބެހޭގޮތުން ހުށަހަޅާފައިވާ ކަރުދާހުގައި ފާހަގަކޮށްފައިވެ އެވެ.