ލަންޑަން (29 ޖެނުއަރީ) - އިނގިރޭސި ވިލާތުން ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ޔޫއޭއީ އަށް ދަތުރުކުރާ ފްލައިޓްތަކާއި، ޔޫއޭއީ އިން އަންނަ ފްލައިޓްތައް ވަގުތީގޮތުން ހުއްޓާލަން ނިންމައިފި އެވެ.

އެ ނިންމުމާ ގުޅިގެން، ދުނިޔޭގެ އެންމެ ބިޒީ އިންޓަނޭޝަނަލް ރޫޓް ކަމަށްވާ ދުބާއީ އާއި ލަންޑަން ބޭނުންކުރާ ގިނަ އަދަދެއްގެ ދަތުރުވެރިންނަށް މިކަމުގެ އަސަރުކުރާނެ އެވެ. އަދި މިކަމުގެ ސަބަބުން ބޮޑެތި ގެއްލުމާއި ކުރިމަތިވާނެ އެވެ. ވައިގެ ދަތުރުތަކުގެ ތަފާސްހިސާބު ހާމަކުރާ އޯއޭޖީ އާއި ހަވާލާދީ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި ޖެނުއަރީ މަހު އެކަނި 190،365 މީހުން މި ރޫޓް ބޭނުންކޮށްފައިވެ އެވެ.

އިނގިރޭސި ޓްރާންސްޕޯޓް މިނިސްޓަރު ގްރާންޓް ޝަޕްސް ވިދާޅުވި ގޮތުގައި ކޮވިޑުން ރައްކާތެރިވުމަށް އަލަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ޔޫއޭއީ، ބުރުންޑައި، ރުވާންޑާ އިން އިނގިރޭސިވިލާތަށް ދަތުރުކުރާ ފްލައިޓްތައް ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. މިކަމުގެ ސަބަބަކީ ސައުތު އެފްރިކާއިން ފެނުނު މުޅިން އައު ވައްތަރުތަކުގެ ކޮވިޑް ވޭރިއަންޓް އިނގިރޭސިވިލާތަށް އެތެރެވުން ހުއްޓުވުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ގައުމުތަކުން ޓްރާންސިޓްވެފައި އަންނަ މީހުން ވެސް އިނގިރޭސިވިލާތަށް އެތެރެވުން މަނާކުރެވޭނެ އެވެ. އަދި ހަމައެކަނި އެތެރެ ވުމަށް ހުއްދަ ދެވޭނީ އިނގިރޭސި ރައްޔަތުންނާއި، އައިރިޝް މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. މި މީހުން 10 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަކުރަން ޖެހޭނެ އެވެ.

އިނގިރޭސި ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ބުނީ ޔޫއޭއީގައި މިވަގުތު ތިބި އިނގިރޭސިވިލާތުގެ ރައްޔިތުން ގައުމަށް އެނބުރި ދިއުމަށް އެހެނިހެން ރޫޓްތައް ބޭނުންކުރުމަށް އެދޭ ކަމަށެވެ.

އެންމެ ގިނަ އަދަދަކަށް ފަސިންޖަރުން އުފުލާ އެއާލައިންތައް ކަމަށްވާ އެމިރޭޓްސް އަދި އިތިހާދު އެއާވޭސް އިން ބުނިގޮތުގައި ހުކުރު ދުވަހުން ފެށިގެން ޔޫކޭ އަށް ދަތުރުކުރުން ހުއްޓާލާނެ އެވެ.