ނ. މަނަދޫން ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެފައި ވަނިކޮށް ބޭރަށް ނުކުމެ، ރަށުތެރެއިން އޭނާއާ ބަދަލުވި ކަމަށް ބެލެވޭ 26 މީހަކު ކަރަންޓީނު ކޮށްފި އެވެ.

ހޮސްޕިޓަލުގެ މެނޭޖަރު އިސްމާއިލް ޝަފީގު "ހުރިހާ" މިއަދު ވިދާޅުވީ ޕޮޒިޓިްވި މީހާ އާއި ކޮންޓެކްޓުވެގެން ކަރަންޓީނު ކުރި 26 މީހުންގެ ތެރޭގައި އޭނާ ބައްޔަށް ޕޮޒިޓިވްވިކަން އަންގަން ބެލިއިރު މަހަށް ނިކުމެ އުޅުނު ދޯނީގައި ތިބި މީހުންނާއި، ރަށު ތެރެއިން ކޮންޓެކްޓުވި ކަމަށް އަމިއްލަ އަށް މައުލޫމާތު ދިން މީހުން ވެސް ހިމެނޭ ކަމަށެވެ.

"ރޭގަ ކޮންޓެކްޓް ޓްރޭސިން ހެދިއިރު 11 މީހަކު ކަރަންޓީނުކުރަން ޖެހުނު. މިވަގުތު ސާމްޕަލް ނެގުމަށް އެޗްޕީއޭގެ ހުއްދައެއް ނުލިބޭތީ އެކަން ކުރިޔަށް ނުގެންދޭ،" އޭނާ ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ ކަރަންޓީންގައި ހުރި އެ މީހާ އަށް ނަތީޖާ ދޭން ބެލި އިރު ހުރީ ދޯންޏެއްގައި މަހަށް ނިކުމެ ކަމަށެވެ. އަދި އޭނާ ކަރަންޓީނުކޮށްފައި ހުރި ގޭގައި ނެތްކަން އެނގުނީ ނަތީޖާ ހަވާލުކުރަން ގުޅިއިރު ފޯނަށް ނުގުޅުމުން އެ ގޭގެ އެހެން މީހަކަށް ގުޅުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިހާރު އޭނާ ހުރީ ގެސްޓްހައުސް އެއްގައި ކަރަންޓީނުކޮށްފައި. އޭނާގެ ފަރާތުން މިހާތަނަށް އެއްވެސް އަލާމާތެއް ނުފެނޭ،" ޝަފީގު ވިދާޅުވި އެވެ.

އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ރޭ ވަނީ ބުނެފަ އެވެ.

މަނަދޫ އިން މީހަކު ޕޮޒިޓިވްވުމާ ގުޅިގެން ރަށް އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ.