ބޮޑު ތާއީދަކާ އެކު އަދާލަތު ޕާޓީގެ ރައީސް ކަމަަށް އެ ޕާޓީގެ މިހާރުގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އިންތިހާބު ކޮށްފި އެވެ.

ތިން ވަނަ ދައުރަށް އަދާލަތު ޕާޓީގެ ރައީސް ކަމަށް އިމްރާން އިންތިހާބު ކޮށްފައި ވަނީ މިއަދު ބޭއްވި އެ ޕާޓީގެ އެތެރޭގެ އިންތިޚާބުގަ އެވެ.

މިރޭ އިއުލާންކުރި ވަގުތީ ނަތީޖާ ދައްކާގޮތުން އިމްރާނަށް ލިބިވަޑައިގެންފައި ވަނީ 921 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 84 ޕަސެންޓެވެ. އޭނައާ ވާދަކުރެއްވި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އަށް ލިބިވަޑައިގެންފައި ވަނީ ލިބިވަޑައިގެންފައި ވަނީ 167 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 15 ޕަސެންޓެވެ.

އިމްރާންގެ ރަނިން މޭޓަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެލްޖީއޭގެ ބޯޑް މެމްބަރު އަހުމަދު ޝަރީފެވެ. މި ނަތީޖާއާ އެކު އަހްމަދު ޝަރީފަށް ވަނީ އެ ޕާޓީގެ ނައިބު ރައީސްކަން ލިބިވަޑައިގެންފަ އެވެ.

ޑރ. ޒާހިރުގެ ރަނިން މޭޓެއްގެ ގޮތުގައި ވާދަކުރެއްވީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދެވެ.

އަދާލަތު ޕާޓީގެ މެންބަރުންގެ ޖުމްލަ އަދަދަކީ 6،866 ކަމުގައިވިޔަސް މި އިންތިޚާބުގައި ވޯޓްލާފައިވަނީ 1،088 މީހުންނެވެ. އެ ޕާޓީން އިންތިޚާބުގައި ވޯޓް ލުމަށް 4،556 މީހުން ރަޖިސްޓްރީ ކުރި ކަމަށެވެ.

އަދާލަތު ޕާޓީން ބުނީ މި އިންތިޚާބާ ގުޅިގެން ނުވަ ޝަކުވާއެއް ހުށައަޅާފައިވާ ކަމަށެވެ. އަދި ތިން ދުވަސްތެރޭ ދާއިމީ ނަތީޖާ އިއުލާނު ކުރާނެ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.