މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ހަމަހަމަކަމާއެކު ޤާއިމުކުރުމަށް ކުރި މަސައްކަތުގެ ހެޔޮ ބަދަލުތައް ރާއްޖޭގެ ހުރިހާ ކަންކޮޅަކުން މިއަދު ފެންނާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނނާސަބަތުގައި މިއަދު ހެނދުނު ދިވެހި ގައުމާ މުހާތަބުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަށް މިސަރުކާރުން ގެނައި ހެޔޮ ބަދަލު ހުރިހާ ރަށްތަކަކުން ވެސް ފެންނާނެ ކަމަށެވެ. އަދި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އޭގެ ހިތްހަމަޖެހުމާއި ފަސޭހަ މިއަދު ވަނީ ލިބެން ފަށާފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ތަފާތުކުރުމެއް ނެތި ހުރިހާ ދަރިވަރުންނަށް ހިލޭ ޑިގްރީ ތައާރަފްކުރީ، ދަރިންގެ ތައުލީމާ ރައްޔިތުންގެ ސިއްހީ ޚިދުމަތްތައް ފުރިހަމަނުވެ، ޖުމްހޫރިއްޔަތު ސާބިތު ނުވާނެތީ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ހާމަނައިޒޭޝަންގެ ތެރެއިން ތަޢުލީމީ ދާއިރާއަށާއި، ސިއްހީ ދާއިރާގެ ފަންނީ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށްފައިވާ ކަމަށާއި 2024 ވަނަ އަހަރުގެ ބަޖެޓު މަޖިލީހަށް ފޮނުވީ ޖުޑީޝަރީއާ ސިފައިންނާ ފުލުހުންނާ ސަރުކާރުގެ ދެންތިބި ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހުށައަޅާފައިވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މިވެރިކަމުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި ހަމަހަމަކަމާއެކު ތަރައްގީ ހޯދުމުގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މީގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުން ބާރުވެރިކުރުވުން ހިމެނޭކަން ރައީސް ފާހަގަ ކުރެއްވި އެވެ.