އަބޫދާބީ (30 ޖެނުއަރީ) ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރަށްވެހިކަން ބޭނުންވާ ވަކި ހާއްސަ ޝަރުތުތަކެއް ފުރިހަމަވާ ބަޔަކަށް ރަށްވެހިކަން ލިބޭނެ ގޮތަކަށް އެ ގައުމުގެ ސިޓިޒަންޝިޕް ގާނޫނަށް ބަދަލު ގެނެސްފި އެވެ.

ޔޫއޭއީގެ ބޮޑުވަޒީރު ޝެއިހް މުހައްމަދު ބިން ރަޝަދު އަލް މަޚްތޫމް ވިދާޅުވީ އެ ގައުމުގެ ރަށްވެހިކަން ބޭނުންވާ މީހުންނަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މި ގޮތުން ރަށްވެހިކަން ދިނުމަށް ކަނޑައަޅާފައިވަނީ ހާއްސަ ހުނަރު ހުރި ފަރާތްތަކާއި ސައިޓިސްޓުންނާއި ޑޮކްޓަރުންނާއި އިންޖިނިއަރުން އާޓިސްޓުންނާއި ލިޔުންތެރިން އަދި އެ މީހުންގެ އާއިލާ މެމްބަރުންނަށެވެ.

ރަށްވެހިކަމަށް އެދޭ މީހުންގެ ތެރެއިން ރަށްވެހިކަން ދިނުމަށް ނިންމާނީ އެކަމަށް ކަނޑައަޅާފައިވާ ހާއްސަ ކެޓަގަރީން އެންމެ މަތިން މާކްސް ލިބޭ މީހުންނަށެވެ. އަދި މިކަންކަން ބެލުމަށް ކެބިނެޓް، ކޯޓުތަކާއި އަދި އެގްޒެކެޓިވް ކައުންސިލް ބައިވެރިވާނެ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

ބޮޑުވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި މިކަމުގެ އެންމެ މުހިންމު މަގްސަދަކީ އެކިއެކި ޕްރޮފެޝަންތަކުގެ އެންމެ މޮޅު މީހުން ޔޫއޭއީއަށް ގެނައުން ކަމަށެވެ. އަދި ރަށްވެހިކަން ލިބޭ މީހުންނަށް އެ މީހުން ކުރިން ރަށްވެހިވެފައިވާ ގައުމުގެ ރަށްވެހިކަން ދޫކޮށްލާކަށް ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔޫއޭއީގެ ރައްޔިތުންނަށް އެ ގައުމުގެ ސަރުކާރުން ގިނަގުނަ އިނާޔަތްތަކެއް ދެ އެވެ. މީގެ ތެރޭގައި ސިއްހީ ހިދުމަތްތަކަކީ ހުރިހާ ރައްޔިތުންނަށް ހިލޭ ފޯރުކޮށްދޭ ހިދުމަތެކެވެ. އަދި ސެކަންޑްރީ ލެވެލް އާއި ހަމަޔަށް ތައުލީމް ފޯރުކޮށްދިނުމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ގިނަގުނަ ސްކީމްތައް ތައާރަފްކޮށްފައިވެ އެވެ.

މެދުއިރުމަތީގައި ތެލުގެ މުއްސަނދިކަން ލިބިފައިވާ، ޔޫއޭއީ އަކީ ގިނަ އަދަދަކަށް ބޭރު ގައުމުތަކުގެ މަސައްކަތްތެރީން ދިރިއުޅެމުންދާ ގައުމެކެވެ. އެގައުމުގެ 9.99 މިލިއަން މީހުންގެ އާބާދީގެ 80 ޕަސެންޓް ހިއްސާކުރަނީ ބޭރު ގައުމުތަކުގެ މީހުންނެވެ.