މާލެއާއެކު އާބާދީ ބޮޑު 27 ރަށެއްގެ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ނަގާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ގޮތުން އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މާލެ އާއި އައްޑޫ އާއި ފުވައްމުލަކާއި ގދ. ތިނަދޫ، ހދ. ކުޅުދުއްފުށި އަދި ބ. ތުޅާދޫ ކަހަލަ ރަށްރަށުގެ ހުރިހާ ގޮނޑިއެއް ކާމިޔާބުކުރާނެ ކަމަށެވެ. އަދި އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ގޮނޑިތަކުގެ 70 ޕަސެންޓް ގޮނޑި ކާމިޔާބުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި އިންތިހާބުގައި އެމްޑީޕާއަށް ވޯޓު ނުދީ، އެއްމެ ދިވެއްސަކު ވެސް ހުންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ނަޝީދު ވިދާޅުވި އެވެ. "ތިބޭފުޅުން ތިއްބާ އޭޕްރިލް ދިހަވަނަ ދުވަހުގެ ރޭ މިތަނުގައި އަޅުގަނޑު އެކަން އިއުލާންކުރާނަން. އަޅުގަނޑުމެން މިތިބީ ވަރަށް ރަނގަޅަށް ހިސާބު ޖަހައިގެން."

އެމްޑީޕީގެ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯއާ ބެހޭގޮތުން ނަޝީދު ވިދާޅުވީ އެ މެނިފެސްޓޯއަކީ ރާއްޖޭގެ ކުދި އާބާދީތަކުން ވެސް ބަލައިގަންނާނެ މެނިފެސްޓޯ އެއްކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުން މިހާތަނަށް ހިންގާފައިވާ މަޝްރޫއުތަކަކީ އެއްވެސް ސަރުކާރަކާ ގާތް ވެސް ނުކުރެވޭނެ ވަރެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ކައުންސިލްތަކާ ބެހޭ ގަވާއިދުތަކަށް ގެނެވުނު އާ ބަދަލުތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން އެ މަނިކުފާނު ވިދާޅުވީ މިފަހަރު މިހޮވޭ ކައުންސިލްތަކަކީ "ދިވެހި ރާއްޖޭގެ ރައްވެހިކަން އާފަތިހަކަށް އެއްވެސް ޝައްކެއް ނެތްގޮތުގައި ހުޅުވާލަދޭނޭ ކައުންސިލްތަކެއް،" ކަމަށެވެ. އަދި ނަޝީދު ވިދާޅުވީ، ކައުންސިލް ތަކުގެ މުއްދަތު ފަސް އަހަރަށް އިތުރުކުރެވިފައިވުމުން ކައުސިލްތަކަށް "ޝައުގުވެރިކަމާ އެކީގައި، ދިގުދެމިގެންވާ ހަރުދަނާ މަސައްކަތެއް ކުރެވޭނެކަން،" ގަބޫލުކުރައްވާ ކަމަށެވެ.

ކައުންސިލްތަކުގެ ޤާނޫނަށް ގެނެވުނު އާ ބަދަލާއެކު ކައުންސިލް ތަކުގެ ތިންބައިކޮށްފައި އެއްބައި ގޮނޑި އަންހެނުންނަށް ހާއްސަ ކުރެވިފައިވުމަކީ ދިވެހިރާއްޖޭގެ ތަރައްގީއަށް މިވަގުތު އެޅެން އޮތް ފިޔަވަޅުކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޕީޕީއެމަށް ނުލިބޭ ފުރުސަތެއް އިންތިޚާބުގެ ކެމްޕޭނުގައި ބޭނުން ނުކުރައްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގައި ހުރިހާ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީން ކެމްޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިހަ ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު އެވެ. އަދިއިންތިހާބުގެ ކެމްޕޭން ކުރިޔަށް ގެންދިއުމަށް ޖަލްސާއެއް ނުބާއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ޑޯ ޓު ޑޯގެ ބަދަލުގައި މިފަހަރު އޮންނާނީ ފޯނުން ކެމްޕޭންކުރުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ 10 ދުވަހަށް ކަރަންޓީން ވާން ދާން ތައްޔާރަށް. ކަރަންޓީން ވެފަ، އޭގެ ފަހުން އަޅުގަނޑުމެން ނުކުމެ، އަޅުގަނޑުމެން ކެމްޕެއިން ކުރާނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ޖަލްސާ ބޭއްވުމާ ބެހޭ ގޮތުން ނަޝީދު ވިދާޅުވީ "ޖަލްސާ ބާއްވާނީ ރަށުގެ ދެތިން ދިމާލެއްގަ ސްކްރީން ބަހައްޓައިގެން، ދުރު ދުރުގައި ގޮނޑި ބަހައްޓާފަ" ކަމަށެވެ. އަދި އެ ރަށެއްގައި އެބޭފުޅުން ތިއްބެވިޔަސް އެއްވެގެން ޖަލްސާ ނުބާއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ގައިދުރުކޮށްގެން ރީތި ކެމްޕެއިނެއް ހިންގާ ގޮތް މިފަހަރު ފެނިގެން ދާނެކަމަށާއި މިއީ މުޅިން އައު ޗެލެންޖެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މިކައުންސިލް އިންތިހާބު ކެމްޕޭން މިހާރު މިވަނީ ފެށިފައި. އެކަމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކެއް ހުރީ ނިމިފައި،" ރައީސް ނަޝީދު ވިދާޅުވި އެވެ.