ނޮވެމްބަރު 30، 1973 ވަނަ ދުވަހުގެ ރޭ 11:15 ގައި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބޭއްވި އެވެ. މި ޖަލްސާ ބޭއްވީ 11 ނޮވެމްބަރު 1973 އިން ފެށިގެން ކުރިޔަށް އޮތް 5 އަހަރު ދުވަހަށް ދިވެހި ރައްޔިތުން އިންތިޚާބު ކޮށްފައިވާ ރައީސުލްޖުމުހޫރިއްޔާ ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު ނޣޢވ، ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ރައީސުލްޖުމުހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށެވެ.

އެއީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްގެ ރައީސްކަމުގެ ދެވަނަ ދައުރުގެ ހުވާކުރުމުގެ ރައްސްމިއްޔާތުގެ ޔައުމިއްޔާ ފަށާފައި އޮތް ގޮތެވެ. ޔައުމިއްޔާ ނަމަބަރަކީ 73/8 އެވެ.

ނޮވެމްބަރު 10، 1973 ވަނަ ދުވަހު ބޭއްވުނު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެވުނު ތިން ވަނަ ރަސްމިއްޔާތެވެ. އެންމެ ފުރަތަމަ އެފަދަ ރަސްމިއްޔާތެއް ބޭއްވުނީ 1 ޖެނުއަރީ 1953 ވީ ބުރާސްފަތި ދުވަހު އެވެ. އެ ރަސްމިއްޔާތު އޮތީ ދާރުލް އުލޫމުގަ އެވެ. އެ ރަސްމިއްޔާތަށް މުޅި މާލެ ރީތިކޮށް ތައްޔާރުކުރި އެވެ. މަގު ފާރު ރާނައި ސާފު ކުރި އެވެ. ރާއްޖެ ތެރެއިންނާއި ރާއްޖެއިން ބޭރުން މަނދޫބުން ވަޑައިގެންނެވި އެވެ. އޭރު ރާއްޖޭގައި ޓީވީއެއް ނެތް ކަމަށް ވިޔަސް އެ ރަސްމިއްޔާތު ވީޑިއޯ ވެސް ކުރި އެވެ. މަރުހޫމު ނޮވެލްޓީ އަލީ ހުސޭން ވިދާޅުވެފައިވާ ގޮތުގައި އެ ރަސްމިއްޔާތަކީ އޭރަށް ވެސް އަދި މިހާރަށް ބެލި ނަމަވެސް ވަރަށް ފުރިހަމަ ކުލަގަދަ ރަސްމިއްޔާތެކެވެ.

މުހައްމަދު އަމީން ހުވާ ކުރުމުގެ ރަސްމިއްޔާތު ކިތަންމެ ފުރިހަމަ ކަމަށް ވިޔަސް ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސަށް އެ ހުވައިގެ މަތީގައި ވެރިކަންކުރައްވައި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަކަށް މާދިގު މުއްދަތެއް ލިބި ވަޑައިނުގެންނެވި އެވެ. އެންމެ ނުވަ ވަރަކަށް މަހަށް ދެމި އޮތް އެ ވެރިކަން ނިމުނީ ސަރުކާރުގެ އިސް ވެރިން އަމީންއާ ދެކޮޅުވެ، ގެނައި އިންގިލާބެއްގަ އެވެ. އެ އިންގިލާބުގެ ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ލިބިވަޑައިގެންނެވި އަނިޔާތަކުގެ ސަބަބުން ކުލަގަދަ ރަސްމިއްޔާތުތަކާ އެކު އިފުތިތާހު ކުރެވުނު ރާއްޖޭގެ ފުރަތަމަ ޖުމުހޫރިއްޔާގެ ރައީސް އަމީން އަވަހާރަވީ އެވެ.

އަމީންގެ ޖުމުހޫރިއްޔާއަށް ފަހު އަލުން އުފެދުނު ރަސްކަމުގައި ވަޒީރުންގެ މަޖިލީހުގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮންނަނީ ރަސްގެފާނުގެ ކުރިފުޅުމަތީގައި މަތިގޭގަ އެވެ. އެ ގޮތް ބަދަލުވެ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައީސާއި ވަޒީރުން ހުވާކުރެއްވުމުގެ ކަންތައް ފެއްޓެވީ ދެވަނަ ޖުމުހޫރިއްޔާގެ ފުރަތަމަ ރައީސެވެ. އެމަނިކުފާނުގެ ފުރަތަމަ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުން ފެށިގެން މިއަދާ ހަމަޔަށް ވެސް ރައީސުލްޖުމްހޫރިއްޔާ ހުވާކުރެވުމުގެ ރަސްމިއްޔާތު އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއްގަ އެވެ.

ރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވި ރައީސް ނާސިރު

އިބްރާހިމް ނާސިރުގެ ދެވަނަ ދައުރު ނުވަތަ ފަހު ދައުރުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސެއްގެ ހައިސިއްޔަތުން ޖަލްސާގެ ރިޔާސަތުގައި ހުންނެވީ އައްޝައިޚު އަހުމަދު ޝާތިރެވެ. ޝާތިރު އިސްވެ ކިއުއްވި ސަލަވާތާއެކު މަޖިލިސް ފެއްޓެވީ ދުވަހުގެ ހެނދުނު 11.50 ގަ އެވެ. ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވީ 49 މެންބަރުންނެވެ.

މަރުހޫމް ސައިކުރާ އިބްރާހިމް ނައީމުގެ އަތްޕުޅުން ލިއުއްވާފައިވާ ޖަލްސާގެ ޔައުމިއްޔާގައި ވާގޮތުން ޖަލްސާ ފެއްޓެވުމަށް ފަހު، އިންތިޚާބީ ރައީސް އިބްރާހިމް ނާސިރުގެ އިސްތިގުބާލަށް މަޖިލީހުގެ ރައީސް ބޭރަށް ނިކުމެވަޑައިގެންނެވި އެވެ. މަދު މިނިޓު ކޮޅެއްގެ ތެރޭގައި ރައީސް ނާސިރު ޖަލްސާކުރާ ހޯލަށް ވެދެވަޑައިގެން ރިޔާސަތުގެ ކުރިމަތީގައި އެމަނިކުފާނަށް ޚާއްސަ ކުރެވިފައިހުރި ގޮނޑި ކޮޅުގައި އިށީނދެ ވަޑައިގެންފި އެވެ. އެމަނިކުފާނުގެ އެމަނިކުފާނުގެ ކަނާތްޕުޅު ފަރާތުގައި އިންނެވީ މަޖިލީހުގެ ރައީސް އަހުމަދު ޝާތިރެވެ. ވާތްފަރާތުގައި އިންނެވީ މިނިސްޓަ އޮފް ޖަސްޓިސް އައްޝެއިޚް މޫސާ ފަތުހީ އެވެ.

ރައީސް ނާސިރު މަޖިލީހަށް ހާޒިރު ވެވަޑައިގެންނެވުމާ އެކު އޮތީ ހުވާކުރުމުގެ ރަސްމިއްޔާތެވެ. ހުވާލައި ދެއްވީ މޫސާ ފަތުހީ އެވެ. ހުވާ ކުރެއްމުން ކުރިޔަށް ދިޔައިރު އެންމެހައި މެންބަރުން ތިއްބެވީ ކޮޅަށެވެ. ހުވައިކޮށް ނިމުމާއެކު އެކަން އިއުލާން ކުރުމުގެ ގޮތުން 12 ބަޑީގެ ސަލާމެއް އެރުވުނެވެ.

ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު މޫސާ ފަތުހީ އާއި މަޖިލީހުގެ ރައީސް އަހުމަދު ޝާތިރާއި ދެބޭފުޅުންނާ ރައީސް ނާސިރު، ސަލާމް ކުރެއްވި އެވެ. އެއަށްފަހު މަޖިލީހުގެ ހުރިހާ މެންބަރުންނާ ވަކި ވަކިން ސަލާން ކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޖަލްސާއިން ނުކުމެ ވަޑައިގެންނެވި އެވެ. އެއާއެކު 12.08 ގައި ރިޔާސަތުން ޖަލްސާ ނިމުނުކަން އިއުލާން ކުރެއްވި އެވެ. އެ ޖަލްސާ ނިމުނުއިރު ވެސް ތިއްބެވީ 49 މެންބަރުންނެވެ.

އެންމެ 18 މިނިޓް ހޭދަވި މަޖިލީހެއްގައި ހުވާކުރެއްވައި ރައީސްކަމުގެ އެ ދައުރު ނިންމަވާލެއްވުމަށް ފަހު އިސްތިޣުފާ ދެއްވައި، ވެރިކަމުން ދުރުވެވަޑައިގެންނެވި ރައީސް ނާސިރަކީ ދިވެހި ގައުމުގެ މިނިވަންކަން ހޯއްދަވައި ދެއްވި ބަތަލެވެ. އެމަނިކުފާނު ރާއްޖެއަށް ކޮށްދެއްވި ޚިދުމަތްތައް ގިނަގުނަ އެވެ.