ޓެލްއަވީވް (31 ޖެނުއަރީ) - އިޒްރޭލުން ފަލަސްތީނަށް 5،000 ޑޯޒްގެ ވެކްސިން ދިނުމަށް ނިންމާފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.

އިޒްރޭލުން ބުނީ އެ އެހީއަކީ ފަލަސްތީނުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް ދިނުމަށް ނިންމާފައިވާ އެހީ ކަމަށެވެ. އަދި، މިއީ ފަލަސްތީނުން އެދިގެން ނުވަތަ ކުރިން އެއްބަސްވެފައި އޮވެގެން ކުރާކަމެއް ނޫން ކަމަށް ވެސް ބުންޏެވެ. މިއީ މިގޮތަށް ފަލަސްތީނަށް ދެވޭ ފުރަތަމަ އެހީކަމަށް ވެސް ބުންޏެވެ.

ފަލަސްތީނުގެ ގާޒާ އަދި ވެސްޓް ބޭންކްގެ އިޒްރޭލުގެ ބާރުގެ ދަށުގައި އޮންނައިރު އިޒްރޭލުން މި ސަރަހައްދުތަކުގައި އުޅޭ މީހުންނަށް ވެކްސިން ނުދޭތީވެ ގިނަ ބަޔަކު ވަނީ މިކަމަށް ފާޑުކިޔާފަ އެވެ. އިޒްރޭލުން ވަނީ އެގައުމުގެ އާބާދީގެ 20 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒްވެސް ދީފަ އެވެ. އަދި މީގެ އިތުރުން އާބާދީގެ ތިން މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ފުރަތަމަ ޑޯޒް ވެސް ދީފަ އެވެ. އިޒްރޭލަކީ މުޅި ދުނިޔޭގައި ވެސް ވެކްސިން ދިނުމުގައި އެންމެ ކުރީގައި އުޅޭ ގައުމެވެ.

ކޮވިޑް ރޯގާ ޖެހިގެން އިޒްރޭލުން ވަނީ 640،000 ކޭސް ރިޕޯޓްކޮށްފަ އެވެ. އަދި މި ރޯގާގައި 4700 މީހުން ވަނީ މަރުވެފައިވެ އެވެ. އިޒްރޭލުގެ ބާރުގެ ދަށުގައިވާ ފަލަސްތީނުގެ ވެސްޓް ބޭންކް އަދި ގާޒާ ސަރަހައްދުތަކުން 160،000 ކޭސް ރިޕޯޓްކޮށްފައިވެ އެވެ. އަދި 1833 މީހުން މަރުވެފައިވެ އެވެ.