މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް އެމީ އެވޯޑްސްގައި ބޮލީވުޑް އަދި ޓީވީ ޕްރޮޑިއުސަރު އެކްތާ ކަޕޫރަށް "އެމީ ޑިރެކްޓަރޭޓް އެވޯޑް"ގެ ޝަރަފު އަރުވައިފި އެވެ.

އެވޯޑާ ހަވާލު ވުމަށްފަހު ދެއްކި ވާހަކައިގައި އެކްތާ ބުނީ ބައިނަލްއަގްވާމީ ފެންވަރެއްގައި އޭނާގެ މަސައްކަތްތައް ފާހަގަ ކުރެވުނީތީ އުފާވާ ކަމަށާއި މިއީ އޭނާއަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.

"އެމީ ޑިރެކްޓަރޭޓް އެވޯޑް"އަކީ ފިލްމު އުފެއްދުމާއި ޑައިރެކްޓް ކުރުމުގެ ރޮނގުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ.

ފިލްމު އުފައްދައި ނެރުމަކީ އޭނާ އަބަދުވެސް ކުރާހިތްވާ ކަމެއްކަން ފާހަގަ ކުރަމުން ފާއިތުވި އަހަރުތަކުގައި ފޫހި ކަމެއްނެތި އޭނާގެ ޑްރާމާތަކާއި ފިލްމުތައް ބެލި ބެލުންތެރިންނަށް ވެސް އެކްތާ ޝުކުރު އަދާކުރި އެވެ.

އެކްތާ ކަޕޫރަކީ އޭނާގެ މައިންބަފައިންނާއެކު 1994 ވަނަ އަހަރު އުފެއްދި "ބާލާޖީ ޓެލެފިލްމްސް" އުފެދުނު ފަހުން މުނިފޫހި ފިލުވުމުގެ ދާއިރާގައި ފުންނާބު އުސް ނަމެކެވެ.

އެގޮތުން އެކްތާގެ ފާހަގަ ކޮށްލެވޭ ބައެއް މަސައްކަތްތަކުގެ ތެރޭގައި "ކިޔުކީ ސާންސް ބީ ކަބީ ބަހޫ ތީ"، "ކަހާނީ ގަރް ގަރްކީ" އަދި "ކަސޯޓީ ޒިންދަގީ ކީ" ފަދަ ކާމިޔާބު ސީރީޒްތައް ހިމެނެ އެވެ.