ސައުދީ އަރަބިއްޔާ އިން ރާއްޖެއާ އެކުގައި ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފި އެވެ.

ރާއްޖެ އާއި ސައުދީއާ ދެމެދު އެފަދަ އެއްބަސްވުމެއް ގާއިމު ކުރަން ނިންމީ ސައުދީގެ ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގެ ރިޔާސަތު ވެސް ބަލަހައްޓަވާފައި ވަނީ ސައުދީގެ ރަސްގެފާނެވެ.

ސައުދީގެ އުމީ ނިއުސް އޭޖެންސީ "ވާސް" އިން މިއަދު ބުނީ ވިޔަފާރީގެ މި އެއްބަސްވުމުގެ ފަހުމުނާމާގައި ސޮއިކުރުމުގެ މަޝްވަރާތައް ރާއްޖޭގެ އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓްރީއާއެކު ކުރިއަށް ގެންދާނީ ސައުދީ އަރަބިއްޔާގެ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަން ކަމަށެވެ.

މި ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގައި ރާއްޖެ އިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ފަހުކޮޅު ސައުދީ އަށެވެ.

ރައީސް މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސައުދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އެ ގައުމުގެ މިނިސްޓަ އޮފް އިކޮނޮމީ އެންޑް ޕްލޭނިން ފައިސަލް ބިން ފާދިލް އަލްއިބްރާހިމެވެ. އޭނާއާ އެކު ސައުދީގެ ވަފްދެއް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.