މީގެ ދެދުވަހެއް ކުރިން އިންޑިއާގެ މީޑިއާތަކުގައި ފެތުރުނު އެއް ވާހަކައަކީ ބިގްބޮސް 17އަށް ރާކީ ސާވަންތު އޭނާގެ މިހާރުގެ ފިރިމީހާ އާދިލް ދުރާނީއާއެކު ވަންނަން އުޅޭ ވާހަކަ އެވެ.

އެހެން ނަމަވެސް އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ރާކީ ބިގްބޮސްއަށް ވަންނާނީ އޭނާގެ ކުރީގެ ފިރިމީހާ ރިތޭޝް ސިންހްއާއެކުގަ އެވެ.

މިއީ ރާކީއާއި ރިތޭޝް އެކުގައި ބިގްބޮސް ގެއަށް ވަންނާނެ ފުރަތަމަ ފަހަރެއް ނޫނެވެ. ބިގްބޮސްގެ 15 ވަނަ ސީޒަންގައި ވެސް އެ ދެމީހުން ވަނީ އެކުގައި ބައިވެރިވެފަ އެވެ.

އެފަހަރުގެ ސީޒަންގައި އެދެމީހުންގެ ގައިގޯޅި މަންޒަރުތައް ފެނިފައިވާއިރު މި ސީޒަންގައި ވެސް އެމީހުން އުޅޭނީ އެހެން ކަމަށް ގިނަ މީހުން ދެކެ އެވެ.

ރާކީއާއި ރިތޭޝް ކައިވެނިކުރީ 2019 ވަނަ އަހަރު އެވެ. އެހެން ނަމަވެސް ރިތޭޝް އޭނާއަށް ބޭވަފާތެރިވި ކަމަށް ބުނެ ރާކީ އެ ކައިވެނި ރޫޅާލީ 2022 ވަނަ އަހަރު އެވެ.