މީގެ ގާތްގަނޑަކަށް 20 އަހަރު ކުރިން، ސަލްމާން ޚާންގެ ފަރާތުން އައިޝްވާރިޔާ ރާއީއަށް ރައްކާތެރިކަން ހޯދައިދިނުމަށް ހާއްސަ ހަށިފާރަވެރިއެއްގެ ގޮތުގައި އޭނާ ނެގި ކަމަށާއި، ނަމަވެސް އެ ވަޒީފާ ފެށިތާ އެންމެ ހަތް ދުވަސް ފަހުން އެކަމުން ވަކިވި ކަމަށް އެކްޓަރު އަދި ބޮޑީބިލްޑަރު ކޭތަން ކްރާންދޭ ބުނެފި އެވެ.
"އާޓް މީޑިއާ އެންޓަޓެއިންމަންޓް" ޔޫޓިއުބް ޗެނަލްއަށް ދިން އިންޓަވިއުއެއްގައި ކޭތަން ހާމަކުރި ގޮތުގައި، 2002 ވަނަ އަހަރު އައިޝްވާރިޔާ އާއި އަބީޝެކް ބައްޗަން އެކުގައި ފެނުނު ފިލްމު "ކުޗް ނާ ކަހޯ"ގެ ޝޫޓިންގް ކުރިއަށްދިޔަ ދުވަސްވަރު އޭނާ މަސައްކަތް ކުރީ އައިޝްވާރިޔާގެ ބޮޑީގާޑެއްގެ ގޮތުގަ އެވެ.
ނޫސްވެރިޔާ ކަވޭރީ ބަމްޒާއީ ލިޔުއްވާފައިވާ "ދަ ތްރީ ޚާންސް: އެންޑް ދަ އިމާޖެންސް އޮފް ނިއު އިންޑިއާ" ފޮތުގައިވާ ގޮތުން، އޭރު އަބީޝެކްއާއެކު އައިޝްވާރިޔާ މަސައްކަތް ކުރުމާ މެދު ސަލްމާން ހުރީ ހިތްހަމަނުޖެހިފަ އެވެ.
ކޭތަން ކިޔައިދިން ގޮތުގައި އޭނާގެ ޒިންމާއަކަށް އޮތީ އައިޝްވާރިޔާ ގެއިން ނަގައިގެން ފިލްމުގެ ސެޓްތަކަށާއި އެކި އިވެންޓްތަކަށް ގެންގޮސްދިނުމެވެ.
އެއް ފަހަރަކު ފެޝަން ޝޯއަކަށް ގޮސް، އެނބުރި ގެއަށް ދާން ނުކުތް ވަގުތު މަގުމަތިން ސަލްމާންއާ ދިމާވި ކަމަށާއި، އެ ހާދިސާއަށްފަހު އޭނާ އެ ވަޒީފާ ދޫކޮށްލީ ކަމަށް ކޭތަން ބުންޏެވެ.
ވަޒީފާ ދޫކޮށްލި ސަބަބާ ގުޅޭގޮތުން ކޭތަން ބުނީ، އޭނާއަކީ ސަލްމާން އާއި އައިޝްވާރިޔާގެ ވެސް ފޭނަކަށް ވާތީ، އެ ދެ މީހުންގެ އަމިއްލަ މައްސަލަތަކުގެ ތެރެއަށް ވަދެ، އެފަދަ ނުތަނަވަސްކަމެއްގެ ތެރޭގައި އުޅެން ބޭނުންނުވީ ކަމަށެވެ.
މި ދުވަސްވަރާ ގުޅޭގޮތުން އިޝްތިހާރު އުފައްދާ ފަރާތެއް އަދި އައިޝްވާރިޔާ ކުރިން އުޅުނު އިމާރާތުގެ އަވަށްޓެރިއެއް ކަމަށްވާ ޕްރަހްލާދު ކައްކަރު ވެސް ވަނީ ވާހަކަ ދައްކާފަ އެވެ.
މީޑިއާއަށް ދިން އިންޓަވިއުއެއްގައި ޕްރަހްލާދު ބުނެފައިވަނީ، އެ ގުޅުން ނިމުމަކަށް އައުމުން އައިޝްވާރިޔާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށާއި، އެ ދުވަސްވަރު ބޮލީވުޑްގެ ގިނަ ބަޔަކު ތިބީ ސަލްމާންގެ ފަޅީގައި ކަމަށެވެ.
ސަލްމާން އާއި އައިޝްވާރިޔާ އެކުގައި "ހަމް ދިލް ޑޭ ޗުކޭ ސަނަމް" (1999)، "ދާއި އަކްޝަރު ޕްރޭމް ކޭ" (2000) އަދި "ހަމް ތުމްހާރޭ ހޭން ސަނަމް" (2002) ފަދަ ފިލްމުތަކުގައި މަސައްކަތް ކޮށްފައިވެ އެވެ.
ދިއްގަރުގައި "އާބަން ފާމިން" މަޝްރޫއު ނިންމާލައިފި
ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގެ ސީލިންގް ވެއްޓިއްޖެ