ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ވިސްނުމާ މެދު ރައްޔިތުންގެ ތެރެއިން 95 އިންސައްތައަށް ވުރެ ގިނަ މީހުން ދެކޮޅު ކަމަށާއި، އެ މަޝްރޫއަކީ ބޮޑު އޮޅުވާލުމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ފްރޮންޓް އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރަސްމާލެއިން ބިން ދިނުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުގެ ކުރިން މުހައްމަދު އަލައްބާރު އެ މަޝްރޫއުން ވަކިވާން ނިންމީ މި ސަރުކާރަކީ އެ ވަރުގެ އުރަތްޕެއް ހުރި ސަރުކާރެއް ނޫންކަން އެނގުމުން ކަމަށެވެ.

އަދި ރައީސް މުއިއްޒަކީ އާދަޔާ ހިލާފަށް ބިމާ ދޯޅު ބޭފުޅެއް ކަމަށާއި، މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމުގައި ހުންނެވި އިރުވެސް ބޭނުން ގޮތަކަށް ބިން ކަފާފައި ދެއްވި ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ. އެންމެ ފަސޭހައިން ފައިސާއަށް ހަދާލެވޭނީ ބިން ކަމަށް އޭރުން ފެށިގެން ވެސް ރައީސް މުއިއްޒަށް ވިސްނިވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ބިލަކީ ސީދާ ރަސްމާލޭގެ ވާހަކަ ކަމަށެވެ. އެހެންކަމުން އެއްވެސް އިސްލާހެއް ހުށަނާޅައި، އެ ބިލަށް ހުރިހާ ރައްޔިތުން ވެސް ބޮޑުތަނުން "ނޫނެކޭ" ބުނުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.

ޔާމީން ވިދާޅުވީ ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭ ދުވަސް އޮތީ ވަރަށް ކައިރީގައި ކަމަށެވެ. އަދި ރައީސް މުއިއްޒަށް ނުބައި ކަމެއް ރަނގަޅުކޮށްދިން ނަމަވެސް، ނުބައި ކަމެއް އޮންނާނީ ނުބައި ކަމެއްގެ ގޮތުގައި ކަމަށާއި އެކަން ނުފިލާނެ ކަމަށް ވިދާޅުވެ، މަޖިލިސް ތެރޭގައި "ޖަހާ ސަކަރާތް" ހުއްޓާލުމަށް މެންބަރުންނަށް ގޮވާލެއްވި އެވެ.

އަމިއްލަ ވެރިކަމުގެ ތަޖުރިބާ ހިއްސާކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން އެމަނިކުފާނުގެ ވެރިކަމުގައި އަހަރަކު އެވްރެޖްކޮށް 10 ރިސޯޓު ހުޅުވަމުން ދިޔަ ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ބޮޑުވެގެން ދިޔަ މަންޒަރު ފެނުނު ކަމަށެވެ. ނަމަވެސް މި ސަރުކާރުން ގައުމަށް އިޚްލާސްތެރިވެ ފައިދާހުރި އެއްވެސް ކަމެއް ނުކުރާ ކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން، މިނިވަން މުއައްސަސާތަކަށް ވެސް ރައީސް ޔާމީން ވަނީ އިންޒާރު ދެއްވާފަ އެވެ. އެގޮތުން ބިންތަކާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް އަޑުއަހައި އެކަން ތަހުގީގު ނުކުރާނަމަ، ކޮންމެ ބަޔަކު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ތިބި ނަމަވެސް ސީރިއަސް ސުވާލުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަކީ ސަރުކާރުގެ ބޭފުޅެއް ނޫން ކަމަށާއި، މި ސަރުކާރުން ހިންގާ ކަންކަން އެނގިހުރެ ނުހުއްޓުވާނަމަ ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.