ފިލުމެއްގައި ސައިފް އަލީ ހާންގެ ދޮށީ އަންހެން ދަރިފުޅު ސާރާ އަލީ ހާންގެ މަންމަގެ ރޯލު ކުޅެން ލިބިއްޖެނަމަ އެރޯލުވެސް ކުޅޭނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި ސާރާގެ ދޮންމަންމަ ކަރީނާ ކަޕޫރު ބުނެފި އެވެ.

ކަރީނާ މިހެން ބުނެފައިވަނީ ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު ގެނެސްދޭ "ކޮފީ ވިތް ކަރަން" ޝޯގައި ވާހަކަ ދައްކަވަމުންނެވެ. އެޝޯގައި ކަރީނާ ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާއި ފިލްމީ ދާއިރާގެ ބައެއް ވާހަކަތައް ހިއްސާ ކޮށްފަ އެވެ.

އެޝޯގެ ތެރެއިން ކަރަން ވަނީ ސާރާގެ މަންމަގެ ރޯލު ކުޅެއް ލިބިއްޖެ ނަމަ އެރޯލު ކުޅޭނަންތޯ ކަރީނާއާ ސުވާލުކޮށްފަ އެވެ. އެސުވާލަށް ޖަވާބު ދެމުން ކަރީނާ ބުނީ އޭނާ އަކީ ފިލްމީ ތަރިއެއް ކަމަށާއި ލިބޭ ކޮންމެ ރޯލެއްވެސް ކުޅެވޭނެ ކަމަށެވެ.

މީގެ އިތުރުން ކަރީނާ ބުނީ މިހާރު މުހިންމީ ރަނގަޅު ސްކްރިޕްޓެއް ކަމަށާއި އޭނާގެ ހުނަރު އެކި ކެރެކްޓާ ތަކުން ދައްކަން ބޭނުން ވާކަމަށެވެ. އަދި ވަރުގަދަ ރޯލެއް ވިއްޔާ ފިލްމްއަކަށް އާނބަސް ބުނުމަކީ އުދަނގޫ ކަމެއް ނޫން ކަމަށް ކަރީނާ ވަނީ ބުނެފަ އެވެ.

ކަރީނާ އެންމެ ފަހުން ފެނުނީ މިދިޔަ އަހަރު ނިކުތް ރޮމޭންސް ޑްރާމާ "ލާލް ސިންހް ޗައްދާ" ގައި އާމިރް ހާނާ އެކު އެވެ.

ކަރީނާ އާއި ސައިފުގެ ވެސް ދެ ކުދިން ތިބެ އެވެ.