ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ހުރިހާ ޕެޓްރޯލް ޝެޑެއް ނަމާދު ވަގުތަށް ބަންދުކުރަން ނިންމައިފި އެވެ.

އެފްއެސްއެމް އިން ބުނީ އެ ކުންފުނިން ކުރިންސުރެ އަމަލު ކުރަމުން އައި އުސޫލަކީ ނަމާދު ވަގުތަށް ޝެޑްތައް ބަންދު ކޮށްފައި ބެހެއްޓުން ކަމަށްވި ނަމަވެސް މިދިއަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިދުމަތް ދިނުން ނަމާދު ވަގުތުތަކަށް މެދު ކަނޑައިލުން ހުއްޓާލާފައިވާ ކަމަށެވެ.

މާލެ ސިޓީގައި އެފްއެސްއެމްގެ ހަތަރު ޕެޓްރޯލް ޝެޑެއް ހުރެ އެވެ. އެއީ މާލޭގައި ތިން ޝެޑަކާއި ހުޅުމާލޭގައި ޝެޑެކެވެ.

އަދި އެ ކުންފުނީގެ އާ މެނޭޖްމެންޓުން މިހާރު ނިންމަވާފައި ވަނީ މިއަދުން ފެށިގެން ހުރިހާ ޕެޓްރޯލް ޝެޑެއްގެ ޚިދުމަތް ވެސް ނަމާދު ވަގުތަށް 20 މިނެޓަށް މެދުކަނޑާލުމަށެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރާ އެކު އެފްއެސްއެމަށް ވެސް ބަދަލުތައް ގެނެސްފައިވާއިރު އެ ކުންފުނީގެ އާ އެމްޑީއަކަށް ހަމަޖައްސަވާފައި ވަނީ އިސްމާއީލް ސުހައިލެވެ.

އެފްއެސްއެމް އުފެއްދީ 18 ޑިސެންބަރު 2000 ވަނަ އަހަރު އެވެ. މި ކުންފުންޏަކީ މުޅި ރާއްޖެއަށް ފަސޭހައިން ތެޔޮ ފޯރުކޮށް ދިނުމުގެ މައިގަނޑު މަސްއޫލިއްޔަތު އުފުލާ ފަރާތެކެވެ.